Last Updated: March 28, 21:55
Thursday, March 28, 2024
ދުނިޔެ

ލިންކްޑް އިން ވެސް މުވައްޒަފުން މަދުކުރަނީ

ސޯޝަލް ޕްލެޓްފޯމެއް ކަމަށްވާ ލިންކްޑް އިން ވެސް މުވައްޒަފުންތަކެއް މަދުކުރަން ނިންމައިފި އެވެ.

އެ ކުންފުނިން ބުނީ ހިންގުން މިހާރަށް ވުރެ ހަރުދަނާކޮށް، ހިދުމަތްތައް ރަނގަޅު ކުރުމުގެ ގޮތުން ކުންފުނީގެ 21،000 މުވައްޒަފުންގެ ތެރެއިން 716 އެއްހާ މުވައްޒަފުން މިހާރު ވަކިކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މުވައްޒަފުންތަކެއް މަދުކޮށް ދެން އެންމެ ބޮޑަށް އިސްކަންދޭނީ ބިޒްނެސް ޕްރޮފެޝަނަލުންނަށް ކަމަށް ލިންކްޑް އިން ބުންޏެވެ.

އެ ކުންފުނިން ބުނީ މުވައްޒަފުންތަކެއް ވަކިކުރަން ނިންމި ނަމަވެސް އިތުރު 250 ވަޒީފާގެ ފުރުސަތު ހުޅުވިގެން ދާނެ ކަމަށެވެ. ލިންކްޑް އިން މުވައްޒަފުން މަދުކުރަން ނިންމީ ސޭލްސް އާއި އޮޕަރޭޝަންސްގެ އިތުރުން ސަޕޯޓިން ސްޓާފްސް ޔުނިޓުންނެވެ.

ލިންކްޑް އިންގެ ސީއީއޯ ރަޔަން ރޮސްލާންސްކީ ވިދާޅުވީ ކަސްޓަމަރުންގެ ޑިމާންޑް އިތުރުވަމުން އަންނަ އިރު، އެ ޑިމާންޑްތަކާ އެއްވަރަށް ކުންފުނީގެ ހިދުމަތް ބައްޓަން ކުރަން ޖެހޭ ކަމަށެވެ. އެހެންވެ އެކަމަށް މިހާރު ވަރަށް ބޮޑަށް މަސައްކަތް ކުރެވެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މި ފަހުން ދުނިޔޭގެ ވަރަށް ގިނަ ކުންފުނިތަކުން މުވައްޒަފުން މަދުކޮށްފައިވެ އެވެ. އޭ ތެރޭގައި ޓްވިޓާ، ފޭސްބުކް ހިންގާ މެޓަ، ނެޓްފްލިކްސް، އެމެޒޯން، ގޫގުލް ހިންގާ އަލްފަބެޓް، މައިކްރޮސޮފްޓް، ޑިޒްނީ، ސްޕޮޓިފައި، ޕޭޕަލް، ޔާހޫ އަދި ބޮއިން ފަދަ ކުންފުނިތައް ހިމެނެ އެވެ.

މީގެ 20 އަހަރު ކުރިން ވުޖޫދަށް އައި ލިންކްޑް އިން އަކީ މައިކްރޮސޮފްޓްގެ ދަށުން ހިންގާ ކުންފުންޏެކެވެ.