Last Updated: April 23, 14:49
Tuesday, April 23, 2024
ޚަބަރު

އުމްރާ އަށް ގެންދަން ކުންފުނިތަކަށް ހުޅުވާލައިފި

ރާއްޖޭން މީހުން އުމްރާ އަށް ގެންދަން ޝައުގުވެރިވާ ގްރޫޕްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން އެ ފުރުސަތު ހުޅުވައިލީ މި މަހުގެ 23 އާ ހަމައަށް ކަމަށެވެ. އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައު އުމްރާ އަށް މީހުން ގެންދަން ކުރިމަތިލެވޭނީ "ދިވެހި ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލު" ގެ 5 ވަނަ މާއްދާގައި ބުނެފައިވާ ޝަރުޠު ފުރިހަމަވާ ކުންފުނިތަކަށެވެ.

މިނިސްޓްރީން ބުނީ ޕްރޮޕޯޒަލްތައް ބަލައިގަންނަން ފަށާނީ މި މަހުގެ 14 ވަނަ ދުވަހުން ފެށިގެންނެވެ. އެއީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު ގެ 9:00 އިން މެންދުރު ފަހު 1:00 އަށެވެ.

ހައްޖާއި އުމްރާ އަށް މީހުން ގެންދަން މިނިސްޓްރީން ހުއްދަ ދެނީ އާންމުކޮށް ހުޅުވާލައި، ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުންތައް ހުށަހަޅާ ކުންފުނިތަކަށެވެ. މި އަހަރު މީހުން ހައްޖަށް ގެންދަން ހުޅުވައިލުމުން 11 ކުންފުންޏަކުން ކުރިމަތިލި އެވެ. އަދި ހުއްދަ ދިނީ ތިން ކުންފުންޏަށެވެ.

އަމިއްލަ ކުންފުނިތަކުގެ އިތުރުން ހައްޖާއި އުމްރާ އަށް މީހުން ގެންދަން ސަރުކާރުގެ ކުންފުންޏެއް ވެސް އޮވެ އެވެ. އެއީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނެވެ.