Last Updated: April 27, 22:41
Saturday, April 27, 2024
ޚަބަރު

މާލެ މީހުންނަށް ގޯތި ލިބެން އެހެން ޕާޓީތަކުން ނޭދޭނެ

މާލޭ ރައްޔިތުންނަށް ގޯތި ދިނުމަކަށް ޕީޕީއެމް، ޖުމްހުރީ ޕަޓީ އަދި ކާނަލް ނާޒިމް އިސްވެ ހިންގަވާ އެމްއެންޕީއަކުން ނޭދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅނަގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެއެވެ.

ހުލުމާލެ އިތުރަށް ހިއްކައި މާލެ މީހުންނަށް ބޯހިޔާވަހިކަން ދިނުމަށް ސަރުކާރުން މަސައްކަތް ކުރާތީ އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.

ހުޅުމާލެ ހިއްކުމާއި ގުޅޭގޮތުން އާބަންކޯ އާއި ސަރުކާރާއި ދެމެދު މަޝްވަރާ ކުރެވެމުން އަންނަ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. މިއީ ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ދަށުން މާލެ ރައްޔިތުންނަށް ގޯތި ދިނުމަށް ހިއްކޭ ބިމެކެވެ.

މާލެ މީހުންނަށް ބޯހިޔާވަހިކަން ދިނުމަށް ސަރުކާރުން ކުރާ މަސައްކަތާއި ގުޅޭގޮތުން މެމްބަރު ފަލާހު ވިދާޅުވީ މާލެ ރައްޔިތުންނަށް އެތައް ޒަމާނަކަށް ފަހު ގޯތި ދިނުމަށް ހިއްކަން ހުރި ތަނެއް ހިއްކާ އެކަން ކުރަން ޖެހޭ ކަމަށެވެ. އަދި އެކަން ކުރަން އުޅުމުން ޕީޕީއެެމް، ޖޭޕީ އަދި އެމްއެންޕީ ކެކި އަރާނެ ކަމަށެވެ. ފަލާހު ވިދާޅުވީ މި ޕާޓީތަކުން އަބަދުވެސް ބޭނުންވަނީ އެ ބިންތަކުން ފައިސާ ހޯދައި އަމިއްލަ ޖީބު ބަރު ކުރުމަށެވެ.

ހުޅުމާލެ ހިއްކުމާއި ދެކޮޅަށް ކުރީގެ އެސްޓިއޯ އެމްޑީ އަމްރު އިސްކޮށް ހުންނަވައި މަސައްކަތް ކުރައްވާތީވެސް ފަލާހު ވަނީ ފާޑު ކިޔާފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި މާލެ ރައްޔިތުންނަށް ބިން ދެއްވުމަށް ބިން ހިއްކަވާނެ ކަމަށް އިއްލާން ކުރައްވާފައެވެ.