Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

ނަރުހުންގެ ދުވަސް އޭއީއެޗުން ކުލަގަދަކޮށް ފާހަގަކޮށްފި

ނަރުހުންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން / ފޮޓޯ: އޭއީއެޗް

މިއަހަރުގެ ނަރުހުންގެ ދުވަހާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ބާއްވައި، ނަރުހުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށް އައްޑޫއެކުއެޓޯރިއަލް ހޮސްޕިޓަލުން ފާހަގަކޮށްފިއެވެ.

ހޮސްޕިޓަލުގެ ނަރުހުންގެ ޑިޕާޓްމެންޓުން އިސްނަގައިގެން މިއަހަރުގެ ނަރުހުންގެ ދުވަސް ފާހަގަ ކުރަން ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އަހަރުމެންގެ ނަރުހުން، އަހަރުމެންގެ ކުރިމަގު މި ޝިއާރުގެ ދަށުން ހަފްތާއަކަށް ނަރުހުންގެ ދުވަހުގެ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރޭގައި ނަރުހުނަށް ހިންގުނު އެއް ދުވަހުގެ ވޯކްޝޮޕަކާއި، ހޮސްޕިޓަލް ކްލަބުގެ ކުޅިވަރު ހަރަކާތަކާއި ހެލްތު ސްކްރީނިންގް ޕްރޮގްރާމެއް ވަނީ ބޭއްވިފައެވެ. މިއާއެކު މިދާއިރާއަށް ސްކޫލު ކުދިންގެ ޝައުޤުވެރިކަން އިތުރުކުރުމަށް ކެރިއަރ ގައިޑެންސް ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ނަރުހުންގެ ދުވަހުގެ ހަރަކާތްތައް ނިންމާލީ މިކަމަށް އައްޑޫ ހައި ސްކޫލުގައި ބޭއްވި ހަފްލާއަކާއި އެކުގައެވެ. އެގޮތުން ރަސްމީއްޔާތުގައި ނަރުހުންގެ އަގުވަޒަން ކުރަން ގިނަ އެވޯޑުތަކެއް ވަނީ ދެވިފައެވެ. މީގެ ތެރޭގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވި ނަރުހުންނަށް ދެވުނު އެވޯޑާއި، ލީޑާރޝިޕް އެވޯޑާއި، ސްޓަރ ޕާފޯމާ އެވޯޑާއި، ޑެޑިކޭޓެޑް ނާސެސް އެވޯޑު ހިމެނެއެވެ.

މި ރަސްމީއްޔާތު ޝަރަފުވެރިކޮށްދެއްވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯސްމެންޓްގެ ހެޑް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާންއެވެ. މިރަސްމީއްޔާތު ފެށުމުގެ ގޮތުން ވަނީ ހާއްސަ ބަހުސެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ބަހުސްކޮށްފައިވަނީ ސިއްހީ ދައިރާގައި ޓެކްނޮލޮޖީގެ ކުރިއެރުމާއި އިންސާނީ އެހީތެރިކަމުގެ މައްޗަށެވެ.
މީއްޔާތުގައި ނަރުހުންގެ ފަރާތުން ހޮސްޕިޓަލުން ދެއްވާ އެއްބާރުލުމަށް ހޮސްޕިޓަލުގެ ސީއީއޯއަށް ހާއްސަ އެވޯޑެއް އަރުވާފައިވާއިރު، ނާސިންގް އެޑްމިންގެ ފަރާތުން ނާސިންގް ޑިރެކްޓަރ އަށްވެސް ހާއްސަ އެވޯޑެއް ވަނީ އަރުވާފައެވެ.

ގިނަ ހަރަކާތްތަކެއް ފެނިގެން ދިޔަ މި ހަރަކާތުގެ އިތުރުން އޭއީއެޗްއިން ވަނީ ނަރުހުންގެ ދުވަހާއި ގުޅުވައިގެން ހާއްސަ ލަވައެއް ވެސް ނެރެފައެވެ. މިއީ ނަރުހުންގެ ދުވަސް އެންމެ ކުލަގަދަކޮށް މިހާތަނަށް ފަހާގަ ކުރެވިގެން ދިޔަ ފަހަރު ކަމަށް އޭއީއެޗްގެ ނަރުހުން ބުނެއެވެ. އަދި ހޮސްޕިޓަލާއި ގިނަ ބައެއްގެ އެއްބާރުލުން މިކަމުގައި ލިބިފައިވާކަން ފާހަގަކޮށް ވަނީ ޝުކުރު އަދާކޮށްފައެވެ.