Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު

ހޯރަފުށީގައި އަނބުގަސް އިންދުމުގެ ފޯރިއެއް

ރަށްފެހި ކުރުމުގެ އިތުރަށް އަނބުގަސް މަދުވަމުންދާތީ ހއ. ހޯރަފުށީގައި ހާއްސަ އިސްކަމެއް ދީގެން އަނބުގަސް އިންދުމުގެ މަސައްކަތް ފަށައިފި އެވެ.

މިކަން ކުރިއަށް އެ ރަށު ކައުންސިލިން ކުރިއަށް ގެންދާ 100،000 ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިންނެވެ. ކައުންސިލުން ބުނި ގޮތުގައި މި ޕްރޮގްރާމްގެ ދަށުން ރަށުގެ އެކި ހިސާބުތަކުގައި އަނބުގަސް އިންދަން ނިންމީ އަނބުގަސް މިހާރު ހޯރަފުށިން ވަރަށް ބޮޑަށް މަދުވެފައިވާކަން ވެސް ފާހަގަކުރެވުމާ ގުޅިގެންނެވެ.

މީގެ އިތުރުން އަނބަކީ އާމްދަނީ ހޯދުމުގެ ފުރުސަތު ވެސް ފަހިކޮށްދޭ ބާވަތުގެ ގަހަކަށްވާތީ އާއި ފަސޭހައިން ހެދޭ އަދި ގިނަ ދުވަސްތަކަކަށް ދެމިހުންނަ ގަސްތަކަކަށްވާތީ އަނބުގަސް އިންދަން ފެށީ ކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނި ގޮތުގައު ރަށުގެ ރައްޔިތުން އަމިއްލަ ގޮތުން އަނބުގަސް ހައްދަން މިހާރު ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ.

ހޯރަފުށީގައި ކުރިއަށް ގެންދާ ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިން އަނބުގަހުގެ އިތުރުން ރަށުން ނެތެމުންދާ ގަސްތަކިގެ ތެރެއިން ޖަނބުރޯލާއި އަތަ އާއި ގޯނބިލި ގަސް ވެސް އިންދަމުން އަންނަ ކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ވަނީ އަނބު ފާމަކާއި ކުރުނބާ ރުއްދަނޑެއް ހެއްދުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ.