Last Updated: July 27, 10:50
Saturday, July 27, 2024
ޚަބަރު

އައްޑޫގެ އީކްއޭޓަ ވިލެޖަށް 24 އަހަރު

އައްޑޫގައި މި ވަގުތު ހުރި އެންމެ ދުވަސްވީ ޓޫރިސްޓް ފެސިލިޓީ، އީކްއޭޓަ ވިލެޖަށް މިއަދު 24 އަހަރު ފުރިއްޖެ އެވެ.

އައްޑޫ އެއާޕޯޓް ވެސް އޮތް ގަމުގައި ހިންގަމުން އަންނަ މި ސިޓީ ހޮޓަލަކީ މިހާތަނަށް ޓޫރިޒަމް ދާއިރާ އިން އެތައް އެވޯޑެއް ވެސް ހޯދާފައިވާ ޓޫރިސްޓުންގެ މެދުގައި މަގުބޫލުތަކެވެ.

ކައިމޫން އިން ހިންގަމުން އަންނަ އީކްއެޓަ ވިލެޖް އެންމެ ފުރަތަމަ ހިންގީ "އޯޝަން ރީފު" ގެ ނަމުގަ އެވެ. އޭގެ އަހަރުތަކެއް ފަހުން އެތަން ރިބްރޭންޑްކުރީ އެވެ.

މިހާރު "އީކްއޭޓަ ވިލެޖް" ހިންގުމުގެ ޒިންމާ ނަގަމުން އަންނަނީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރައްވާތާ ގިނަ އަހަރުތަކެއްވެފައިވާ އައްޑޫ ފޭދު އަށް ނިސްބަތްވާ މުހައްމަދު ވަހީދެވެ. އޭނަ އެތަނުގެ މެނޭޖަރުކަމާ ހަވާލުވެވަޑައިގެންނެވީ 2016 ވަނަ އަހަރުގެ ފަހުކޮޅު އެވެ.

ވަހީދު އީކްއޭޓަ ވިލެޖާ ހަވާލުވެވަޑައިގަތުމާ ހަމައަށް އެތަނުގެ އުމްރާނީ ތަރައްގީ އަށް މާ ބޮޑެތި ކުރިއެރުންތަކެއް އައިސްފައެއް ނެތެވެ. އެކަމަކު އޭނަ ހަވާލުވެވަޑައިތް ފަހުން 78 ކޮޓަރީގެ އީކްއޭޓަ ވިލެޖަށް ޒަމާނީ ވަރަށް ގިނަ ބަދަލުތަކެއް ގެންނެވުމުގެ އިތުރަށް ތަނުގެ ހިންގުމަށް ވެސް ބޮޑެތި ބަދަލުތަކެއް ގެންނެވި އެވެ. އޭގެ ތެރޭގައި އީކްއޭޓަ ވިލެޖަކީ އައްޑޫގެ ކޮމިއުނިޓީއާ ވަރަށް ބޮޑަށް ގުޅިލާމެހިގެން ހިންގާ ތަނަކަށް މިހާރުވެފައިވެ އެވެ.

މިތަނަކީ އައްޑޫގެ އިތުރުން ބިދޭސީންތަކެއް ވެސް ވަޒީފާ އަދާކުރަމުން އަންނަ އައްޑޫގެ އިގުތިސާދުގެ ވަރަށް މުހިއްމު ހިއްސާއެކެވެ.

ހާއްސަކޮށް އީކްއެޓަ ވިލެޖަކީ އިންޓަނޭޝަނަލް އެއާޕޯޓެއް އޮތް ރަށެއްގައި ހިންގާ ތަނަކަށްވާތީ އެތަނަށް ޒިޔާރަތްކުރަން ބޭނުންވާ ޓޫރިސްޓުންނަށް ލިބޭ އެންމެ ބޮޑު ފަސޭހަ އަކީ އެއާޕޯޓުން ދެތިން މިނިޓެއްހާ އިރުގެ ތެރޭގައި ދެވެން އޮތުމެވެ.

މިތަނުގެ ހާއްސަ އަނެއް ކަމަކީ އީކްއޭޓާ ވިލެޖް އޮތީ އައްޑޫގެ އާބާދީގެ ބޮޑުބައި ދިރިއުޅޭ އަވަށްތަކަށް އެއްގަމުން ދަތުރުކުރެވޭ ގޮތަށް އޮތުމެވެ. އެގޮތުން އެތަނަށް އަންނަ ޓޫރިސްޓުންނަށް ބައިސްކަލާއި ސައިކަލްގައި ވެސް ގަމުން ހިތަދުއާ ހަމައަށް ދަތުރުކުރެވި އައްޑޫގެ އާންމު ދިރިއުޅުން ބަލާލުމުގެ ފުރުސަތު އޮތީ ފަހިވެފަ އެވެ

އީކްއޭޓަ ވިލެޖަކީ ރިސޯޓަކުން އާންމުކޮށް ލިބޭނެ މައިގަނޑު ހުރިހާ ހިދުމަތްތަކެއް ލިބެން ހުރި، އަދި މެދުމަފަންތީގެ ޓޫރިސްޓުންގެ މެދުގައި މަގުބޫލު ތަނެކެވެ.