Last Updated: July 27, 10:50
Saturday, July 27, 2024
ދުނިޔެ

ޓްވިޓާގެ ކުރިމަގަށް އާންމުންގެ ހިޔާލު މުހިއްމު

ޓްވިޓާ އަށް އޭގެ މިހާރުގެ ވެރިޔާ އީލޮން މަސްކް ގެންނަވަން ބޭނުންވާ ބަދަލުތައް އެއަށް ގެންނަވާނެ ކަމަށާއި ހަމައެއާ އެކީ ޓްވިޓާގެ ކުރިމަގު ބައްޓަންކުރަން އާންމުންގެ ހިޔާލު ވެސް ވަރަށް މުހިއްމު ކަމަށް އާ ސީއީއޯ ލިންޑާ ޔަކަރީނޯ ވިދާޅުވެއްޖެ އެވެ.

އޭނަ ޓްވިޓާގެ ސީއީއޯއަކަށް ނެންގެވިކަން އީލޮން އިއުލާންކުރެއްވީ މިދިޔަ ހުކުރު ދުވަހު އެވެ. ލިންޑާ ރަސްމީކޮށް މަގާމާ ހަވާކުވެވަޑައިގަންނަވާނީ އަދި ދެ މަސް ފަހުންނެވެ.

އޭނަ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ އީލޮން އަކީ ކުރިއްސުރެ ވެސް އިންސްޕިރޭޝަނެއް ކަމަށާއި ޓްވިޓާގެ އިސްވެރިއެއްގެ ގޮތުގުި މަސައްކަތްކުރައްވަން ލިބިވަޑައިތުމަކީ ބޮޑު އުފަލެއް ކަމަށެވެ.

"އަހަންނަށް މިހާރު އާ ފޮލޯވަރުންތަކެއް ވެސް ލިބެން ފަށައިފި. އެކަމަކު އަހަންނަކީ އަދި އީލޮންހާ ކުޅަދާނަ މީހަކަށް ނުވެދާނެ. އެހެންވެ ޓްވިޓާގެ ކުރިމަގު ބައްޓަން ކުރަން އާންމުންގެ ހިޔާލު ވަރަށް މުހިއްމު ވާނެ،" ލިންޑާ ވިދާޅުވި އެވެ. "އެ ފުރުސަތު މިހާރު މިއޮތީ ހުޅުވާލެވިފައި."

އިޓަލީ ދަރިކޮޅުގެ އެމެރިކާގެ ރައްޔިތެއް ކަމަށްވާ އަދި ޕެން ޔުނިވަސިޓީން ތައުލީމު ހާސިލުކުރެއްވި ލިންޑާ އަކީ ކުރިން އެންބީސީ ޔުނިވާސަލް އާއި ޓާނާ އެންޓަޓައިންމަންޓްގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.