Last Updated: July 27, 14:13
Saturday, July 27, 2024
ޚަބަރު

ސްމާޓް ޕާކިން އާބަންކޯ އިން ތަޢާރަފުކޮށްފި

ހުޅުމާލޭ ސްމާޓް ޕާކިން ޒޯން / ފޮޓޯ: އާބަންކޯ

ރާއްޖޭގެ ފުރަތަމަ ސްމާޓް ޕާކިން ޒޯން ހުޅުމާލޭގައި ޤާޢިމް ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އާބަންކޯއިން ހާމަކޮށްފިއެވެ.

މިއަހަރު ކުރީކޮޅުން ފެށިގެން ޕައިލޮޓް ޕްރޮޖެކްޓެއްގެ ގޮތުގައި އާބަންކޯއިން ފެށި މިމަސައްކަތުގެ ދަށުން، ޕާކިން ޒޯން ޓެސްޓްކޮށް ޕާކް ކުރުމުގެ ކަންކަން ވަނީ ކުރިއަށް ގެންގޮސްފައެވެ. ހުޅުމާލޭ ފެރީ ޓާމިނަލާއި ދިމާލުގައި ހުރި ފެތިރޯނު ޕާކިން ޒޯނަކީ 4 ފުރޮޅުލީ އުޅަނދަށް ހާއްސަކޮށްފައިވާ ޕާކިން ޒޯނެކެވެ. އެގޮތުން ޕާކިން ޒޯނުގައި ދިގުމުއްދަތައް އަދި ކުރު މުއްދަތައް އުޅަނދު ޕާކް ކުރެވޭނެ ގޮތް ވަނީ ހަދާފައެވެ.

އާބަންކޯއިން ހާމަކުރާ ގޮތުގައި މި ޕާކިން ޒޯނުން ޖާގަތައް ކުއްޔަށް ދޫކުރުމަށް ވަރަށް އަވަހަށް ހުޅުވާލާނެއެވެ. އެކުންފުނީގެ ސްމާޓްކޮމް ބްރޭންޑުގެ ދަށުން، ޕާކް ކުރާ މި ނިޒާމަކީ އެއްވެސް މީހަކާއި ނުލައި މުޅި ނިޒާމު އޭގެ ޒާތުގައި ހިންގާ ގޮތަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ. އެގޮތުން ޕާކް ކުރާ ޒޯނަށް ވަންނަ ބޫމް ގޭޓް ކައިރީ ހުރި ކެމެރާއި އުޅަނދު ނަންބަރު ދެނެގަނެ ގޭޓު އަމިއްލައަށް ހުޅުވާނެއެވެ. މިގޮތުން މި ކެމެރާ އަކީ އާޓިފިޝަލް އިންޓެލިޖެންސް އަދި މެޝީން ލާނިން ބޭނުން ކުރާ ކެމެރާއެއް ވަސީލަތެއް ކަމަށް އާބަންކޯއިން ބުނެއެވެ.

މީގެ ސަބަބުން އިންސާނީ މުއާމަލާތަކާ ނުލައި އޮޓޮމެޓިކުން ފަސޭހަކަމާއެކު ކާރަށް ޕާކިން ޒޯނަށް ވަދެ އަދި ނިކުމެ ހެދޭނެއެވެ. މީގެ އިތުރުން މި ޒޯނުގައި ޕާކު ކުރާ އުޅަނދުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ސައްވީސް ގަޑި އިރު ސީ.ސީ.ޓީ.ވީ ކެމެރާ މެދުވެރިކޮށް މޮނިޓަރ ކުރެވޭނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

ހަމައެކަނި ކާރު ޕާކު ކުރުމަށް ކަނޑައެޅިފައިވާ މި ސްމާޓް ޕާކިންގ ޒޯންގައި ކުރު މުއްދަތަށް ޕާކު ކުރަން އަދި ދިގު މުއްދަތަށް ޕާކު ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޖާގަ ތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ޖާގަތައް ހުންނާނެއެވެ. އަދި ކުރުމުއްދަތަށް ޕާކު ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ޕާކިން އެޕްލިކޭޝަނެއް ވަނީ ތައްޔާރު ކުރެވިފައިވާ ކަމަށް އާބަންކޯއިން ބުނެއެވެ.

މި އެޕްލިކޭޝަންގެ ސަބަބުން ކުރުމުއްދަތަކަށް ޕާކު ކުރުމުގެ ކަންކަން ވަރަށް ބޮޑަށް ލުއި ފަސޭހަ ވެގެންދާނެއެވެ. އައިއޯއެސް އަދި އެންޑްރޮއިޑް ޑިވައިސް ތަކުގައި ބޭނުން ކުރެވޭ މި އެޕް ބޭނުން ކުރާ ފަރާތްތަކަށް ސްމާޓް ޕާކިން ޒޯންގައި ހުންނަ ހުސް ޕާކިން ޖާގަތައް، އަދި ޕާކު ކުރެވޭ އަގުތައް ވަގުތުން ފެންނަން ހުންނާނެއެވެ.

ފިތުރޯނު ޕާކިންގ ޒޯނަކީ އެއްމެ ފުރަތަމަ ސްމާޓް ޕާކިން ޒޯނު ކަމުގައި ވިޔަސް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި އިތުރު ސްމާޓް ޕާކިންގ ޒޯންތައް ހުޅުމާލޭގެ އެކި ސަރަހައްދު ތަކުގައި ތައާރަފު ކުރެވި ޕާކިންގެ ކަންކަމަށް އިންގިލާބީ ބަދަލެއް ގެނެވިގެން ދާނެކަމަށް ހުޅުމާލެގެ އާބަން ޑިވެލޮޕްމެންޓް ކަންކަން ބަލަހައްޓާ އާބަންކޯއިން ބުނެއެވެ. އާބަންކޯއިން ވަނީ އެކުންފުނީގެ އަމާޒަކީ ރާއްޖޭގެ ފުރަތަމަ ސްމާޓް ސިޓީއަށް ހުޅުމާލެ ހެދުމަކީ އާމާޒެއް ކަމަށް ބުނެފައެވެ.