Last Updated: April 24, 18:14
Wednesday, April 24, 2024
މީހުން

ރެކޯޑެއް ހަދަން 100 ގަޑިއިރު ކައްކައިފި

ދުނިޔޭގެ ރެކޯޑް ފޮތުން ޖާގައެއް ހޯދަން ނައިޖީރިއާގެ ޝެފަކު ހުއްޓުމެއް ނެތި 100 ގަޑއިރު ކައްކައިފި އެވެ.

ސޯޝަލް މީޑިއާގައި ހިލްޑާ ބާސީގެ ނަމުން މަޝްހޫރު ހިލްޑާ އެފިއޮން ބަސީ ރެކޯޑް ހައްދަން ކައްކަން ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދި އެ ދުވަހު ކައްކަން ފެށި ގޮތަށް ހުއްޓުމެއް ނެތި ކައްކައި 100 ގަޑިއިރު ހަމަކޮށް އޭނަ ކެއްކުން ހުއްޓާލީ އިއްޔެ އެވެ.

ރެކޯޑެއް ހަދަން ކެއްކި ވަގުތުގެ ތެރޭގައި ހިލްޑާ ވަނީ ނައިޖީރިއާ އަށް ހާއްސަ 55 ކެއުމެއް ތައްޔާރުކޮށްފަ އެވެ. މި ކެއްކުން އޭނަ ކުރިއަށް ގެންދިޔައީ އެ ގައުމުގެ ކެއުންތަކުގެ ވަރުގަދަކަން ދައްކައިލަން ކުރިއަށް ގެންދިޔަ މެރަތަން ކިޗަން ސެޝަނެއްގެ ތެރޭގަ އެވެ. އޭގައި 100 އަށް ވުރެ ގިނަ ކެއުންތައް ތައްޔާރުކޮށްފައިވެ އެވެ.

ސަތޭކަ ގަޑިއިރު ހިލްޑާ ކެއްކުމާ ގުޅިގެން ގިނިސް ވޯލްޑް ރެކޯޑުން މިހާރު އަންނަނީ އޭނަ އަށް ރެކޯޑް ހައްގުވޭތޯ ބެލުމަށް އެކަން ކުރިއަށް ގެންދިޔަ ގޮތް އިތުރަށް އިވެލުއޭޓްކުރަމުންނެވެ.

މީގެ ކުރިން އެންމެ ގިނައިރު ކައްކައިގެން ރެކޯޑެއް ހަދާފައި އޮތީ 2019 ގަ އެވެ. އޭރު އިންޑިއާގެ ޝެފެއް ކަމަށްވާ ލަތާ ޓަންޑަނަށް އެ ރެކޯޑް ލިބުނީ ހުއްޓުމެއް ނެތި 87 ގަޑިއިރާއި 45 މިނިޓަށް ކައްކައިގެންނެވެ.

އެ ރެކޯޑް މުގުރާލެވި، ރެކޯޑް ކަށަވަރުކޮށްދޭނެކަމުގެ އިންތިޒާރުގައި ހުރި ހިލްޑާ ބުނި ގޮތުގައި އޭނަގެ މި މަސައްކަތް ކާމިޔާބުވެއްޖެ ނަމަ އެންމެ ބޮޑު ހިތްހަމަޖެހުމަކަށް ވާނީ ނައިޖީރިއާގެ ކެއުންތަކަށް ލިބޭނެ ސަމާލުކަން ކަމެވެ.

"މިކަން ކުރުމުގެ އަސްލު ބޭނުމަކީ ވެސް އެއީ. ނައިޖީރިއާގެ ކެއުންތަކަކީ ވަރަށް މީރު ކެއުންތަކެއް،" ހިލްޑާ ބުންޏެވެ. "މިކަން ޖިރަން ފެށި ފުރަަތަމަ ދުވަހު ހަ ގަޑިއިރު ކައްކާފައި ހިތަށް އެރި ހުއްޓާލާނަމޭ ވެސް. ހަގީގަތުގައި ފުދޭ ވަރެއްގެ ބޮޑު ޗެލެންޖެއް މި ނެގުނީ. މިކަން ކުރުމުގެ ހިތްވަރެއް އެންމެ ބޮޑަށް ދިން އެކަކީ ދައްތަ."