Last Updated: June 2, 06:59
Friday, June 2, 2023
ކުޅިވަރު

13 އަހަރަށް ފަހު އިންޓަ ޗެމްޕިއަންސް ލީގު ފައިނަލަށް

ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގެ ދެވަނަ ލެގުގައި އޭސީ މިލާން 1-0 އިން ބަލިކޮށް މުބާރާތުގެ ފައިނަލަށް އިންޓަ މިލާން ދަތުރުކޮށްފި އެވެ.

މި ދެ ޓީމު މިދިޔަ ހަފްތާގައި ބައްދަލުކުރި ސެމީގެ ފުރަތަމަ ލެގުގެ މެޗު 3-0 އިން ކާމިޔާބު ކުރީވެސް އިންޓަ އިންނެވެ. އިންޓަ ފައިނަލަށް ދަތުރުކުރީ 3-0 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. މިއީ 2010 ވަނަ އަހަރަށް ފަހު މުބާރާތުގެ ފައިނަލަށް އިންޓަ ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެފަހަރު އިންޓަ އިން ވަނީ މުބާރާތުގެ ތަށި އުފުލާލާފަ އެވެ.

އިޓަލީގެ ސެންސީރޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އަނިޔާގެ ސަބަބުން ފުރަތަމަ ލެގުގައި ނުކުޅެވުނު މިލާންގެ ޕޯޗުގަލްގެ އެޓޭކިން ކުޅުންތެރިއާ ރަފޭލް ލިއާއޯ ކުޅެފައިވެ އެވެ. ނަމަވެސް ފުރަތަމަ ލެގާއި އެއްގޮތަށް ދެވަނަ ލެގުގައި ނުރައްކާތެރި ހަމަލާތަކެއް ފެނިގެން ގޮސްފައިވަނީ އިންޓަގެ ފަރާތުންނެވެ. އެގޮތުން ފުރަތަމަ ހާފްގައި އިންޓަ އިން ފޮނުވާލި ގިނަ ހަމަލާތައް ދިފާއުކުރުމުގައި މިލާންގެ ކީޕަރު މައިކް މައިނަންގެ ހުޝިޔާރުކަން ފެނިގެން ގޮސްފައިވެ އެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު އިންޓަ އަށް މެޗުގެ 74 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ލައުޓާރޯ މާޓިނޭޒް އެވެ. ރޮމެލޫ ލުކާކޫ ދިން ޕާހަކުން ލައުޓާރޯ މި ގޯލު ކާމިޔާބު ކުރީ މިލާންގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ބާރު ހަމަލާ ގޯލުގެ ކައިރީ ކަނަށް އަމާޒުކޮށްލައިގެންނެވެ.

މުބާރާތުގެ ފައިނަލްގައި އިންޓަ ބައްދަލުކުރާނީ މިރޭ މެންޗެސްޓާ ސިޓީ އާއި ރެއާލް މެޑްރިޑް ކުޅޭ ސެމީފައިނަލްގެ ދެވަނަ ލެގުގެ މެޗުން މޮޅުވާ ޓީމަކާ އެވެ. އެ ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލް އޮންނާނީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ.