Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ރިޔާސީ އިންތިހާބު ބާއްވަން ޔާމީން މިނިވަން ކުރަންޖެހޭ

ރިޔާސީ އިންތިހާބު ބާއްވަން ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަންޖެހޭ ކަމަށް އެމަނިކުފާނުގެ އިސް ވަކީލު، ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލު މިހެން ވިދާޅުވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުގައި މަސައްކަތް ކުރައްވާ 12 މަޖިލިސް މެމްބަރަކު އެމްޑީޕީން މިއަދު ވަކިވުމާ ގުޅިގެންނެވެ. މި 12 މަޖިލިސް މެމްބަރުންގެ އިތުރުން އެމްޑީޕީން މިއަދު އިސްތިއުފާ ދެއްވި ބޭފުޅުންގެ ތެރޭގައި އެ ޕާޓީގެ ނައިބް ރައީސް މުހައްމަދު ޝިފާޒުއާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވެސް ހިމެނެ އެވެ.

އެކަމާ ގުޅިގެން ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮރަޕްޝަނުގެ ހާއްޔަކަށް މުޅި ދައުލަތް ގަންބާލި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދޫކޮށް އެތައް މެމްބަރަކު ނިކުމެފައިވާ ކަމަށެވެ. ރައީސް ސޯލިހަށް މިއަދު ގައުމާއި ޕާޓީގެ މަސްލަޙަތު ވެސް ނުހިފެހެއްޓުނު ކަމަށް ޖަމީލު ވިދާޅުވި އެވެ.

"އިންތިޚާބު ބާއްވަން ރައީސް ޔާމީންގެ ހުރިހާ ދައުވާތައް އަނބުރާ ގެނެސް މިނިވަން ކުރަންޖެހޭ." ޖަމީލު ވިދާޅުވި އެވެ.

ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ. ދައުވާތައް ސާބިތުވުމުން ވަނީ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް އެ ފައިސާ ހަ މަސްތެރޭ ދެއްކުމަށް ވެސް އަމުރުކޮށްފަ އެވެ. އެ ހުކުމް މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާއިރު އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ރ. ފުއްގިރި މައްސަލައިގައި ވެސް އެމަނިކުފާނަށް ވަނީ ދައުވާތަކެއްކޮށްފަ އެވެ. އެ މައްސަލައިގައި ޔާމީނަށް އުފުލާފައިވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އެވެ.