Last Updated: July 27, 06:33
Saturday, July 27, 2024
ކުޅިވަރު

ރެއާލް ހަމަބިމަށް ތިރިކޮށް ސިޓީ ފައިނަލަށް

ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގެ ދެވަނަ ލެގުގައި ރޭ 4-0 އިން ރެއާލް މެޑްރިޑް ބަލިކޮށް މުބާރާތުގެ ފައިނަލަށް މެންޗެސްޓާ ސިޓީ ދަތުރުކޮށްފި އެވެ.

މި ދެ ޓީމު ރެއާލްގެ ދަނޑުގައި ބައްދަލުކުރި ސެމީފައިނަލްގެ ފުރަތަމަ ލެގުގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ސިޓީ ފައިނަލަށް ދަތުރުކުރީ 5-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. މިއީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ސިޓީ ދަތުރުކުރި ދެވަނަ ފަހަރެވެ. އެންމެފަހުން ސިޓީ ފައިނަލަށް ދަތުރުކުރި ފަހު ވަނީ ޗެލްސީ އަތުން 1-0 އިން ބަލިވެފަ އެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އަންނަ މަހުގެ 10 ވަނަ ދުވަހު ސިޓީ ނިކުންނާނީ އިންޓަ މިލާނާއި ދެކޮޅަށެވެ.

ސިޓީގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗު ފަށައިގެން މާގިނަ އިރުތަކެއް ނުވަނީސް ސިޓީން ދިޔައީ ފުލުފުލުގައި ސިޓީގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ސިޓީން ފޮނުވާލި ގިނަ ހަމަލާތައް ދިފާއުކުރުމުގައި ރެއާލްގެ ގޯލްކީޕަރު ތިބޯ ކޯޓުއާގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފަ އެވެ. ނަމަވެސް މެޗުގެ 23 ވަނަ މިނެޓްގައި ސިޓީން ވަނީ ރެއާލްގެ ގޯލު ފޫއަޅުވާލާފަ އެވެ. ކެވިން ޑި ބްރޭނާ ދިން ޕާހަކުން ރެއާލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުން މި ގޯލު ސިޓީ އަށް ކާމިޔާބުކޮށްދިނީ ބެނާޑޯ ސިލްވާ އެވެ.

މި ގޯލަށްފަހު ވެސް ސިޓީން ރަނގަޅަށް ކުޅެމުންދަނިކޮށް މެޗުގެ 35 ވަނަ މިނެޓްގައި ރެއާލްގެ ޓޯނީ ކްރޫސް ދުރުން ފޮނުވާލި ބާރު ހަމަލާއެއް ވަނީ ސިޓީގެ ގޯލުގެ ދަނޑި އަށް އަމާޒުވެފަ އެވެ. އޭގެ ދެ މިނެޓްފަހުން ސިލްވާ ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ސިޓީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ސިޓީން ނިންމާލިއިރު ދެވަނަ ހާފްގައި ވެސް ސިޓީން ދިޔައީ ރެއާލްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ސިޓީގެ ތިންވަނަ ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ފިލް ފޮޑެން ދިން ޕާހަކުން ކާމިޔާބުކޮށްދިނީ ސިޓީގެ ޒުވާން ފޯވާޑް ހޫލިއަން އަލްވަރޭޒް އެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލަށް ސިޓީ ދަތުރުކޮށްފައިވާއިރު އެޓީމަށް މި ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގާއި އެފްއޭ ކަޕް ހޯދުމުގެ ފުރުސަތު ވެސް އަދި އެބައޮތެވެ.