Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ހޮސްޕިޓަލްތަކާއި މަރުކަޒުތަކަށް ތަކެތި ހަދިޔާކޮށްފި

ރާއްޖޭގެ 15 އަތޮޅެއްގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ ސާޖިކަލް އިންސްޓްރޫމަންޓް ހެލްތު މިނިސްޓްރީން ހަދިޔާކޮށްފި އެވެ.

އިއްޔެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ތަކެތި ހަވާލުކުރި ތަންތަނުގެ ތެރޭގައި ހިމެނެނީ ހއ. އަތޮޅު ހޮސްޕިޓަލް، ށ. އަތޮޅު ހޮސްޕިޓަލް، ނ. އަތޮޅު ހޮސްޕިޓަލް، ބ. އަތޮޅު ހޮސްޕިޓަލް، ޅ. އަތޮޅު ހޮސްޕިޓަލް، ކ. ތުލުސްދޫ ހޮސްޕިޓަލް، އއ. އަތޮޅު ހޮސްޕިޓަލް، އދ. އަތޮޅު ހޮސްޕިޓަލް، ވ. އަތޮޅު ހޮސްޕިޓަލް ހިމެނެއެވެ. އަދި މ. މުލީ ރީޖަނަލް ހޮސްޕިޓަލާއި، ފ. އަތޮޅު ހޮސްޕިޓަލާއި، ދ. އަތޮޅު ހޮސްޕިޓަލާއި، ތ. އަތޮޅު ހޮސްޕިޓަލުގެ އިތުރުން ގއ. އަތޮޅު ހޮސްޕިޓަލް އަދި ފުވައްމުލައް ހޮސްޕިޓަލެވެ.

ހަދިޔާކުރި ސާމާނުގެ ތެރޭގައި، ޑްރެސިން ސެޓް، ބޭބީ ސެޓް، ޑެލިވަރީ ސެޓް، ޝޭޗާ ސެޓް، އިންސިސަން އެންޑް ޑްރެއިނޭޖް ސެޓް، އަދި އާޓިކަލް ފޯ ޑްރެސީން ރޫމް ސެޓް ހިމެނެ އެވެ.

މި ތަކެތި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކާ ހަވާލުކޮށް ދެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.

މިނިސްޓަރު ވިދާޅުވީ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކަށް ހަދިޔާކުރި ތަކެތީގެ ޚިދުމަތްތައް އަވަސްވެ، ޚިދުމަތް ދިނުމުގައި ބޮޑުތަނުން ލުއި ފަސޭހަވެގެން ދާނެ ކަމަށެވެ.

"އަޅުގަނޑު އަތޮޅުތެރެއަށް ކުރައްވާ ދަތުރުތަކުގައި ޞިއްޚީ ޚިދުމަތްތެރިންގެ ފަރާތުން އަންނަ އެންމެ ބޮޑު އެއް ޝަކުވާއަކީ ތަކެތި ނެތި، ތަކެތި ހަލާކުވެ، ދަބަރު ޖަހާފައި ހުންނަކަމުގެ ޝަކުވާ،" ނަސީމު ވިދާޅުވި އެވެ. "އަދި ބޭނުންވާ ވަރަށް އެއްޗެހިވެސް ނުހުންނަނީ. އެވެސް ވަރަށް އުނދަގޫވާ ކަމެއް. ޚިދުމަތް ދޭން ތިބޭ މީހުންނަށް ވެސް އެންމެ ބޭނުންވާ ގޮތަށް އެކަން ނުކުރެވޭ އޭރުން."

ތަކެތި ހަދިޔާކުުރި ތަންތަނަށް ހަދިޔާކުރި ސާމާނު އެންމެ ފަހުން އެތަންތަނުގައި އާކުރީ މީގެ 13 އަހަރު ކުރިންނެވެ.