Last Updated: July 27, 06:33
Saturday, July 27, 2024
ދުނިޔެ

މޮންޓާނާގައި ޓިކްޓޮކް މަނާކޮށްފި

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ މޮންޓާނާގައި ޓިކްޓޮކް މަނާކުރަން މިދިޔަ މަހު ފާސްކުރި ބިލް އިއްޔެ ތަސްތީގުކޮށްފި އެވެ.

އެ ސްޓޭޓްގެ ގަވަރުނަރު ގްރެގް ޖަޔަންފޯޓް އެ ބިލް އިއްޔެ ތަސްގީކުރެއްވުމާ އެކީ ގާނޫނަކަށްވެ، އެމެރިކާގައި އެންމެ ފުރަތަމަ ޓިކްޓޮކް ރަސްމީކޮށް މަނާކުރަން ނިންމި ފުރަތަމަ ސްޓޭޓަކަށް މޮންޓާނާ ވަނީ ވެގެންސް ގޮސްފަ އެވެ. އެ ގާނޫނަށް ރަސްމީކޮށް އަމަލުކުރަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެންނެވެ.

ޓިކްޓޮކާ ދެކޮޅު ގާނޫނުގައިވާ ގޮތުން އެ ގާނޫނާ ހިލާފުވާ ނަމަ ދުވާލަކު 10،000 ޑޮލަރުން ޖޫރިމަނާ ވެސް ކުރެވޭނެ އެވެ.

އެމެރިކާގައި ގައުމީ ފެންވަރުގައި ޓިކްޓޮކް މަނާކުރުމަކީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ވެސް ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެންމެ ބޮޑަށް ބަހުސްކުރެވިފައިވާ އެއް މައްސަލަ އެވެ. އެމެރިކާ އިން ބުނާ ގޮތުގައި ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެކެވެ. އެގޮތުން ޗައިނާގެ އަސްކަރިއްޔާއާ ގުޅުން އޮންނަ ގޮތަށް ހިންގާ ޓިކްޓޮކަކީ އެ ބޭނުންކުރާ އެމެރިކާގެ މީހުންގެ ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށް، އެމެރިކާ އަށް ޖާސޫސްކުރަން އެ މައުލޫމާތުތައް ބޭނުން ކުރެ އެވެ.

އެކަމަކު ފެށުނީއްސުރެ އެމެރިކާގެ މި ތުހުމަތު ޓިކްޓޮކުން ދޮގުކުރެ އެވެ.

މޮންޓާނާގައި ޓިކްޓޮކް މަނާކުރަން ގާނޫނެއް ތަސްދީގުކުރުމާ ގުޅިގެން ޓިކްޓޮކުން ބުނީ އެ މައްސަލާގައި ގާނޫނީ ގޮތުން ކުރެވެން ހުރި ކަންކަން ކުރާނެ ކަމަށެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރެއިން އެންމެ މަގުބޫލު އެއްޗެހީގެ ތެރޭގައި ހިމެނޭ ޓިކްޓޮކް ބައެއް ގައުމުތަކުގެ ސަރުކާރުގެ ތެރޭގައި މި ފަހުން ބޭނުން ކުރުން ވެސް މަނާކޮށްފައިވެ އެވެ.