Last Updated: July 27, 10:50
Saturday, July 27, 2024
ޚަބަރު

ހަންކެޑެ މަޝްރޫއާ ގުޅޭ ގޮތުން ސާވޭއެއް

އިންޓަގްރޭޓެޑް ޓޫރިޒަމަށް އައްޑޫ ހަންކެޑެ ތަރައްގީ ކުރަން ހަމަޖެހިފައިވާތީ އެ މަސައްކަތާ ގުޅިގެން މިހާރު ވެސް ކުރެވެމުން އަންނަ މަަސައްކަތްތަކާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދަން އައްޑޫ ސިޓީ ކައުންސިލުން އޮންލައިން ސާވޭއަކަށް ހުޅުވާލައިފި އެވެ.

މިކަމާ ބެހޭ ގޮތުން ކައުންސިލުން ބުނީ ހަންކެޑެ ސަރަޙައްދު ވަނީ ރައީސް އޮފީހުގެ އެދުމުގެ މަތިން ކައުންސިލްގެ އިގުރާރެއްގެ ދަށުން، އިންޓެގްރޭޓަޑް ޓުއަރިޒަމް ފެސިލިޓީއެއް އެޅުމަށްޓަކައި މޯލްޑިވްސް ފަންޑްމެނޭޖްމެންޓް ކޯޕޮރޭޝަން (އެމްއެފް އެމްސީ) ހަވާލުކޮށްފައި ކަމަށެވެ.

އެގޮތުން ހަންކެޑެ ތަރައްގީކުރުމުގެ ކުރިން އެތަނުގެ އިރުމަތީ ފަރާތުން ބިން ހިއްކައި ތޮށިލުމުގެ މަސައްކަތް ކުރުމަށްޓަކައި ޕްލޭނިން މިނިސްޓްރީން ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެހެންވެ އާންމުންގެ ހިޔާލު ހޯދަން ހުޅުވައިލި ސާވޭ އަކީ މި މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށާއި މުޖުތަމައަށް އަސަރު ފޯރާނޭ މިންވަރު ބެލުމުގެ ގޮތުން، ލޭންޑްއެންޑް މެރިން އެންވަޔަރަމަންޓަލް ރިސޯސް ގްރޫޕް (ލަމަޔަ) އިން ތައްޔާރުކުރާ ރިޕޯޓުގެ ބައެއް ކަމަށް ކައުންސިލުން ބުންޏެވެ.

އިންޓަގްރޭޓެޑް ޓޫރިޒަމަށް ހަންކެދެ ތަރައްގީކުރަން އެމްއެފްއެމްސީ އިން ހަވާލުކޮށްފައި ވަނީ ޗައިނާގެ ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން (ސީއެންއީސީސީ) އާ އެވެ. ބޭންކް އޮފް ޗައިނާ އިން 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެން ހިންގާ މަޝްރޫއުގެ ދަށުން ހަންކެޑެއިގައި 1،041 ކޮޓަރި ތަރައްގީކުރަން ހަމަޖެހިފައިވެ އެވެ.