Last Updated: July 27, 10:50
Saturday, July 27, 2024
ޚަބަރު

އަލިމަތާ ރިސޯޓްގެ ޖޫރިމަނާ ކުޑަކޮށްފި

ކަނޑަށް ކުނި އެޅި މައްސަލައެއްގައި އަލިމަތާ ރިސޯޓް މިދިޔަ އަހަރު ކުރި ޖޫރިމަނާ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބޮޑުތަނުން ކުޑަކޮށްފި އެވެ.

އެ ރިސޯޓުން މޫދަށް ކުނި އެޅި މައްސަލާގައި މިދިޔަ އަހަރުގެ ޖުލައި މަހުގެ 3 ގައި ޖޫރިމަނާކުރީ 312،750ރ. އިންނެވެ. ނަމަވެސް އެ ޖޫރިމަނާ މީހާރު އެންމެ 45،000ރ. އަށް އީޕީއޭ އިން ވަނީ ކުޑަކޮށްފަ އެވެ.

އެތަނުން މިއަދު ނެރުނު ބަޔާނެއްގައ ބުނީ އެގޮތަށް ނިންމީ އެ މައްސަލަ އަކީ އަލިމަތާ ޖޫރިމަނާކުރެވުނު ފުރަތަމަ ފަހަރަށްވާތީ އާއި މައްސަލަ އިސްތިއުނާފުކުރުމުން އެކަން އިތުރަށް ބެލުމަށް ފަހު ކަމަށެވެ.

އެގޮތުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގެ ދަށުން ހަދާފައިވާ ގަވާއިދުގެ ޖަދުވަލު (ލ) ގެ ދަށުން މިހާރު ޖޫރިމަނާގެ ގޮތުގައި ކަނޑައެޅިފައިވާ އަދަދަކީ 45,000.00ރ. ކަމަށް އީޕީއޭ އިން ބުންޏެވެ. އަދި އެ ފައިސާ ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގާފައިވާ ކަމަށް ބުންޏެވެ.

މީގެ އިތުރުން މިހާރު އަލިމަތާ ރިސޯޓުގައި އުފެދޭ ކާބޯތަކެތީގެ ބާކީ ބަޔާއި ބެހެއްޓުމުން އަމިއްލަޔަށް ނެތިދާ ފަދަ ކުންޏާ މެދު ޢަމަލުކުރާ ގޮތަކީ ކޮބައިކަމާއެކު ކުނި މެނޭޖް ކުރުމުގެ ޕްލޭން ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އީޕީއޭ އަށް ހުށަހެޅުމަށް މި މަހުގެ 16 ގައި އަންގާފައިވާ ކަމަށް ވެސް އީޕީއޭ އިން ބުންޏެވެ.