Last Updated: April 25, 17:37
Thursday, April 25, 2024
ޚަބަރު

ހައްޖުވެރިން ފުރުމުގެ އިންތިޒާމުތައް އޮޅުންފިލުއްވައިފި

ރާއްޖެއިން މިއަހަރު ހައްޖަށްދާ މީހުން ފުރުމަށް އިންތިޒާމުތައް ހަމަަޖައްސާފައިވާ ގޮތް ނައިބް ރައީސް ފައިސަލް ނަސީމް އޮޅުންފިލުއްވައިފި އެވެ.

ފައިސަލް ނަސީމު މިއަދު ވަނީ ހައްޖުގެ އިންތިޒާމުތައް ހަމަޖައްސަމުންދާ މުއައްސަސާތަކުގެ ކަމާ ގުޅޭ ބޭފުޅުންނާ ބައްދަލުކުރައްވާފަ އެވެ.

މިބައްދަލުކުރެއްވުމުގައި ނައިބް ރައީސް ވަނީ ޙައްޖާޖީންގެ ކަންކަން ވީހާވެސް ގާތުން ބަލައި އެންމެހައި އިންތިޒާމްތައް ވީހާވެސް ފުރިހަމަޔަކަށް ގެންދިޔުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާކަމަށާއި، އެހެން ކަމުން އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް ޙައްޖާޖީންގެ އިންތިޒާމްތައް އެންމެ ފުރިހަމަޔަށް ކުރުމަށްޓަކައި ކަމާގުޅޭ މުއައްސަސާތަކުގެ ބޭފުޅުންނާއެކު ކޮމިޓީއެއް އެކުލަވާލައި އެ މަސައްކަތްތައް ވީހާވެސް ފުރިހަމަޔަށް ގެންދެވުމަށް އަންގަވާފަ އެވެ.

އެގޮތުން ޙައްޖާޖީން ފުރުމަށް އެއާޕޯޓަށް ގެންދިޔުމުގެ އެންމެހާ އިންތިޒާމްތައް މި ފަހަރުވެސް ސަރުކާރުން ވީ އެންމެ ރަނގަޅަކަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

މި އަހަރު މިހާތަނަށް ރާއްޖެއިން ޙައްޖަށް ދިޔުމަށް ކޯޓާ ލިބިފައިވަނީ 1000 މީހުންނަށެވެ. އަދި، ޙައްޖާޖީން އެއަރޕޯޓަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއިންނެވެ. މިގޮތުން ބަސްތަކާއި ފެރީ އަލި ލޯންޗް މެދުވެރިކޮށް ޙައްޖާޖީން އެއަރޕޯޓަށް ގެންދިޔުމުގެ އިންތިޒާމްތައް މިހާރު ދަނީ ކުރެވެމުންނެވެ.