އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ބްރައިޓަން 4-1 އިން ބަލިކޮށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުމާ ގާތަށް ނިއުކާސަލް ޔުނައިޓެޑުން ޖެހިލައިފި އެވެ.
ރޭގެ މޮޅާއެކު ނިއުކާސަލް މިހާރު އޮތީ 36 މެޗުން ލިބުނު 69 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގަ އެވެ. ޗެމްޕިއަންސް ލީގަށް ކޮލިފައިވާން ނިއުކާސަލަށް ދެން ބޭނުން ވަނީ އެންމެ މޮޅެކެވެ. ނިއުކާސަލް އެންމެފަހުން ޗެމްޕިއަންސް ލީގުގައި ކުޅުނީ 2003 ވަނަ އަހަރު އެވެ.
ނިއުކާސަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފް ވެސް އެޓީމުން ނިންމާލީ ދެ ގޯލުގެ ލީޑަކާއެކު އެވެ. އެގޮތުން ނިއުކާސަލްގެ ފުރަތަމަ ގޯލަކީ މެޗުގެ 22 ވަނަ މިނެޓްގައި ބްރައިޓަންގެ އުންޑޭވް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ނިއުކާސަލްގެ ދެވަނަ ގޯލު ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ޑޭން ބާން އެވެ.
ދެވަނަ ހާފްގެ ކުރީކޮޅު ބްރައިޓަންގެ އުންޑޭވް އެޓީމަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދިން ނަމަވެސް މެޗުގެ ފަހު ވަގުތުކޮޅުތެރޭ ދެ ގޯލު ކާމިޔާބުކޮށް ނިއުކާސަލުން ވަނީ މުހިއްމު ތިން ޕޮއިންޓް ކަށަވަރުކޮށްފަ އެވެ. މި ދެ ގޯލު ނިއުކާސަލަށް ކާމިޔާބުކޮށްދިނީ ވިލްސަން އާއި ބްރޫނޯ ގިމަރޭސް އެވެ.
ލީގުގައި ނިއުކާސަލަށް ދެން ބާކީ އޮތީ ދެ މެޗެވެ. އެގޮތުން އަންނަ ހޯމަ ދުވަހުގެރޭ ނިއުކާސަލް ބައްދަލުކުރާނީ ލެސްޓަ ސިޓީއާ އެވެ. އަދި ލީގުގެ ފަހު މެޗުގައި ނިއުކާސަލް ނިކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.