Last Updated: April 19, 06:56
Friday, April 19, 2024
ކުޅިވަރު

މޮރީނިއޯގެ ރޯމާ ޔޫރޮޕާ ލީގު ފައިނަލަށް

ޔޫރޮޕާ ލީގުގެ ސެމީފައިނަލްގެ ދެވަނަ ލެގުގައި ރޭ ބަޔާ ލެވަކޫސަންއާ ބައްދަލުކުރި މެޗު އެއްވަރުކޮށް މުބާރާތުގެ ފައިނަލަށް އިޓަލީގެ ރޯމާ ދަތުރުކޮށްފި އެވެ.

މި ދެ ޓީމު ރޭ ބައްދަލުކުރި ދެވަނަ ލެގުގެ މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު ރޯމާ ފައިނަލަށް ދަތުރުކުރީ ފުރަތަމަ ލެގުގެ މެޗު 1-0 އިން ކާމިޔާބުކޮށްފައި އޮތުމުންނެވެ.

ލެވަކޫސަންގެ ދަނޑުގައި ކުޅުނު މި މެޗުގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް ލެވަކޫސަން އިން ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެގޮތުން ލެވަކޫސަންގެ މޫސާ ޑިއާބީ ފޮނުވާލި ހަމަލާ ގޯލުގެ ދަނޑި އަށް އަމާޒުވިއިރު އެޓީމުން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ރޯމާގެ ކީޕަރު ރުއި ޕެޓްރީޝިއޯގެ ހުޝިޔާރުކަން ވެސް ފެނިގެން ގޮސްފައިވެ އެވެ.

ރޭގެ މެޗުގައި ރޯމާ އިން ވަރަށް ޑިފެންސިވް ކުޅުމެއް ކުޅުނުއިރު އެޓީމަށް ލެވަކޫސަންގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެ އެވެ.

މުބާރާތުގެ ފައިނަލްގައި ރޯމާ ބައްދަލުކުރާނީ ސެވިއްޔާއާ އެވެ. ސެވިއްޔާ ފައިނަލަށް ދަތުރުކުރީ ޔުވެންޓަސް ކަޓުވާލުމަށްފަހު އެވެ. ފައިނަލް އޮންނާނީ މި މަހުގެ 31 ގަ އެވެ.

ރޯމާގެ ކޯޗު ހޯޒޭ މޮރީނިއޯ ވަނީ މީގެކުރިން އޭނާ ދަތުރުކުރި ޔޫރަޕްގެ ފަސް ފައިނަލް ވެސް ކާމިޔާބުކޮށްފަ އެވެ. އެގޮތުން މިދިޔަ ސީޒަނުގައި އޭނާ ވަނީ ޔޫރޮޕާ ކޮންފަރެންސް ލީގު ވެސް ރޯމާ އަށް ކާމިޔާބުކޮށްދީފަ އެވެ.