Last Updated: May 11, 11:20
Sunday, May 11, 2025
ޚަބަރު

ބުލީއެއް ނުކުރެވޭނެ، މަޑަކުން ނުހުންނާނަން

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ހިލާފަށް ފިރިހެނަކު ގައިގައި އަތްލަން ދައްކާކަށް ނުޖެހޭނެ ކަމަށާއި ބުލީއެއް ނުކުރެވޭނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ރިޔާސަތުން ރޮޒެއިނާގެ ނަން އިއްވި އިރު މަޖިލީހުގެ ތަޅުމުން އޭނަ ބޭރުކުރަން ފޮނުވީ ފިރިހެން ސެކިއުރިޓީއެކެވެ. ނަމަވެސް ރޮޒެއިނާ ވަނީ ތަޅުން ދޫކޮށް ދިޔުމަށް ދެކޮޅު ހަދައިފަ އެވެ. އެކަމާ ގުޅޭ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ.

އެ ވީޑިއޯއާ ގުޅިގެން ރޮޒޭ ވިދާޅުވީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ފިރިހެނަކު އޭނާ ގައިގައި އަތްލަން ދައްކާކަށް ނުޖެހޭނެ ކަމަށާއި ނުވެސް ދައްކާނެ ކަމަށެވެ.

"މަޑަކުން ވެސް ނުހުންނާނަން. އެތާ އަންހެނުން ތިއްބާ އަޅުގަނޑު ކައިރިއަށް ފިރިހެނެއް ފޮނުވާކަށް ނުވެސް ޖެހޭ. ގާނޫނު އަސާސީގައި އޮވޭ ގާނޫނާ ހިލާފަށް ކުރާ އަމުރަށް ކިޔަމަން ވާން ނުޖެހޭނެކަމަށް. ބުލީއެއް ނުކުރެވޭނެ." އޭނަ ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާ އިއްޔެ ހޫނުވެގެން ދިޔައީ އެމްޑީޕީގެ މެމްބަރުންނަށް ބަހުސްކުރުމަށް ލިބޭ ވަގުތުގައި އެ ޕާޓީން ވަކިވި 12 މެމްބަރުންނަށް ރިޔާސަތުން ފުރުސަތު ދެއްވުމުންނެވެ. ރިޔާސަތުން ވަނީ އެ މެމްބަރުން އެމްޑީޕީން ވަކިވިކަން އަންގާފައި ނުވާތީ އެ މެމްބަރުން އަދިވެސް ހިމެނެނީ މަޖިލީހުގެ އެމްޑީޕީ ދަފުތަރުގައި ކަމަށް ވިދާޅުވެފަ އެވެ.

އެމްޑީޕީން ވަކިވި 12 މެމްބަރުންނަކީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނަށް ނިސްބަތްވާ މެމްބަރުންނެވެ. އެ މެމްބަރުން މިހާރު ވަނީ އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނިންމައިފަ އެވެ.