Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

"ބިއޯންޑް" އެއާލައިންގެ މާލެ އޮފީސް ހުޅުވައިފި

ދުނިޔޭގެ ފުރަތަމަ ލަގްޒަރީ އެއާލައިން "ބިއޯންޑް" ގެ މާލެ އޮފީސް ހުޅުވައިފި އެވެ.

އިއްޔެ ބޭއްވި ހަފުލާއެއްގައި އޮފީސް ހުޅުވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރާއޮ އާއި "ބިއޯންޑް" ގެ ސީއީއޯ ޓޭރޯ ޓަސްކިލާ އަދި އެއާލައިންގައި ހިއްސާވާ ރާއްޖޭގެ މަޝްހޫރު ކުމްފުނި، ސިމްޑީގެ ސީއީއޯ ޑރ. މަރިޔަމް ޝަކީލާ އެވެ.

"ބިއޯންޑް" އިން ހިދުމަތަށް ނުކުންނަން ތައްޔާރީތައްވަަމުން އަންނަ އިރު، މި އަހަރު ނިމުމުގެ ކުރިން ކުންފުންޏަށް 200 މުވައްޒަފުން ނަގަން ނިންމައި އެކަމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ އެއާލައިނަށް ކެބިން ކްރޫން ހޯދަން މިދިޔަ މަހުގެ ތެރޭގައި އޯޕަން ޑޭއެއް ވެސް ބޭއްވި އެވެ.

"ބިއޯންޑް" ގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖެއިން ދުނިޔޭގެ 60 މަންޒިލަކަށް ދަތުރުކުރާ ގޮތަށް އޮޕަރޭޝަންތައް ފުޅާކުރުމެވެ. އަދި އެއާލައިން ފުޅާވެގެން އަންނަ އިރު، ރާއްޖޭގައި 1،500 މީހުންނަށް ވަޒީފާގެ ފުރުސަތު ފަހިވާނެ ކަމަށް ވެސް ބުންޏެވެ.

ކުރިން ހެލްތު މިނިސްޓަރުކަން ވެސް ކުރެއްވި ޑރ. ޝަކީލާ ވިދާޅުވި ގޮތުގައި "ބިއޯންޑް" ސަބަބުން ރާއްޖޭގެ އިގުތިސާދަށް ބޮޑު ކުރިއެރުމެއް އަންނާނެ އެވެ. ބިއޯންޑް އުފއްދީ ސިމްޑީ އާއި ދުބާއީގެ އެރޭބިސް ކޮމްޕެނީ ގުޅިގެންނެވެ.

މި އެއާލައިންގެ ދަތުރުތަކަށް ބޭނުންކުރާނީ އޭ-320 މަރުކާގެ ބޯޓްތަކެވެ.