Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ބިން ހިއްކާ ޖައްރާފު 2 ހަފުތާތެރޭ އައްޑު އަށް

އައްޑޫ ބިން ހިއްކުމުގައި ބޭނުން ކުރާނެ ޖައްރާފު / ފޮޓޯ: ވެން އޫޑް

އައްޑޫ ބިން ހިއްކުމުގެ މަސައްކަތް ކުރާ ޖައްރާފު ކުރިއަށް އޮތް ދެ ހަފްތާ ތެރޭ އައްޑޫއަށް އަންނާނެ ކަމަށް އެ މަސައްކަތް ކުރާ ވެން އޫޑް ކުންފުނިން ހާމަކޮށްފިއެވެ.

އައްޑޫ ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން މިހާރު ބިން ހިއްކަން ޖެހޭ ސަރަހައްދުގެ ބޮޑުބައި މިހާރު ވަނީ ވަކިކޮށް ބަންޑް ވޯލް ޖަހާފައެވެ. އެގޮތުން މަރަދޫ އަދި މަރަދޫ-ފޭދޫ ހުޅަނގުން ހިއްކަން ނިންމާފައިވާ ހިސާބު ވަކިކޮށް ބަންޑްވޯލް ޖަހާފައިވާ ކަމަށް ވެން އޫޑް ކުންފުނިން ބުނެއެވެ. މަރަދޫ އަދި މަރަދޫ-ފޭދޫ ހިމެނޭހެން ޖުމްލަ 76 ހެކްޓަރު ހިއްކުމަށް ވަނީ ނިންމާފައެވެ.

ހިތަދޫއިން ދެ ސަރަހައްދެއް ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ހިތަދޫ ޕޯޓުގެ އުތުރުން ޒޯން 1 އަދި ދެކުނުން ޒޯން 2 ކެވެ. ވެން އޫޑް ކުންފުނިން ބުނި ގޮތުގައި ޒޯން 2 ގެ މަސައްކަތް މިހާރުވެސް ބާރަށް ކުރިއަށް އެބަދެއެވެ. އަދި ޒޯން 1 މަސައްކަތްވެސް ފެށިފައިވާ ކަން އެކުންފުނިން ހާމަކުރެއެވެ. ހިތަދޫގެ މި ދެ ސަރަހައްދު އެއްކޮށް ހިމަނައިގެން 90 ހެކްޓަރު ހިއްކުމަށް ވަނީ ގަސްތުކޮށްފައެވެ. މީގެ ތެރެއިން ދެކުނު ސަރަހައްދުން ހިއްކަނީ ގޮނޑުދޮށް ހިމާޔަތް ކުރުމަށެވެ. އެ ސަރަހައްދުގައި ވެލި ބަސްތާ ޖެހުމަށް މަސައްކަތް އެކުންފުނިން ދަނީ ކުރަމުންނެވެ.

އަދި މިހާރު ބިން ހިއްކުމަށް ބޭނުންވާ ޖައްރާފުގެ ޕައިޕްލައިން އެޅުމުގެ މަސައްކަތް ދަނީ ބާރަށް ކުރިއަށެވެ. މިއީ ޖައްރާފު އައިސް މަސައްކަތް އަވަހަށް ފެށުމަށް ކުރެވެމުންދާ މަސައްކަތެވެ.

އައްޑޫ ބިން ހިއްކުމުގައި ބޭނުން ކުރާނެ ޖައްރާފު / ފޮޓޯ: ވެން އޫޑް

މީގެ އިތުރުން ހިތަދޫ ފަޅުތެރެއިން ޓުއަރިސްޓް ރިސޯޓު ހެދުމަށް 2 ރަށް އަދި މީދޫ ކައިރީ އެ ރަށް ހިއްކާނެއެވެ. ރިސޯޓުތަކުގެ ތެރެއިން ހިތަދޫ ފަޅު ތެރޭ އޮތް 2 ރަށުގެ ބަންޑު ވޯލް ޖެހުމުގެ މަސައްކަތް ނިމިފައިވެއެވެ. ޖުމްލަ 8.3 ހެކްޓަރުގެ މި ތިން ރަށުގެ ތެރެއިން ދެ ރަށް ހިއްކުމަށް ތައްޔާރު ވެފައިވާއިރު އަނެއް ރަށުގެ މަސައްކަތްވެސް ދާދި އަވަހަށް ފެށިގެން ދާނެ ކަމަށް ވެން އޫޑް ކުންފުނިން ބުނެއެވެ.

މީގެ އިތުރުން އިތުރު 3.3 ހެކްޓަރު ފޯ ލޭން ލިންކް ރޯޑު ބްރިޖް ޤާއިމް ކުރުމަށްވެސް ވެން އޫޑް ކުންފުނިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުމަށް މިހާރު ބޭނުންވާ ޖައްރާފު ކުރިއަށް އޮތް ދެ ހަފްތާ ތެރޭ އައްޑޫއަށް އައިސް މަސައްކަތް ފަށާނެ ކަމަށް ވެން އޫޑް ކުންފުނިން ބުނެއެވެ.

މިމަސައްކަތުގެ 193 ހެކްޓަރުގެ ބިން ހިއްކައި 18 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކުރާނެއެވެ. މިއީ ސަރުކާރުން ކުރިއަށް ގެންދާ އައްޑޫ ވަޢުދުނާމާގެ ތެރެއިން އެންމެ މުހިންމު އެއް މަސައްކަތެވެ.