Last Updated: April 28, 20:21
Sunday, April 28, 2024
ޚަބަރު

ނަޝީދުގެ "ހުދުމުހުތާރުކަން" މަޖިލީހުގެ ރިޔާސަތުން!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖްލިސްގެ ރިޔާސތުގައި ހުންނަވައި އެމަނިކުފާންގެ ހުދުމުހުތާރުކަން ދައްކަވަމުންދާތީ ބައެއް މަޖްލިސް މެމްބަރުންގެ ނުރުހުން ފާޅުކުރަން ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުން އެ ޕާޓީން ވަކިވެ މިހާރު އަލަށް އުފައްދާ "ދަ ޑިމޮކްރެޓްސް"އަށް ސޮއިކޮށްފައިވާ އިރު މަޖްލިސްގެ ރިޔާސަތުގައި ހުންނަވައި ނަޝީދު ގެންދަވަނީ އެ މެމްބަރުންނަށް އެމްޑީޕީގެ ވަގުތު ދެއްވަމުންނެވެ. އަދި އެކަން މެމްބަރުން ފާހަގަކޮށް މައްސަލަ ހޫނުވުމުން އޭގެ ބަދަލުގައި ނަޝީދުގެ ފަރާތުން ފެންނަމުންދަނީ އެމްޑީޕީގެ މެމްބަރުންގެ ނަން އިއްވައި މަޖްލިސްގެ ތަޅުމުން ބޭރު ކުރަން އުޅުއްވާ މަންޒަރެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ބަލިވުމާއި ގުޅިގެން ބަލި ގަބޫލް ނުކުރެއްވި ނަޝީދު ފުރަތަމަ މަސައްކަތް ފެއްޓެވީ އެމްޑީޕީގައި ހުންނަވައި "ފިކުރެއްގެ ދިރުން" ނަމުގައި ޕާޓީގެ މެމްބަރުންގެ ތާއިދު ހޯއްދަވައި 50،000 މެމްބަރުންގެ ސޮޔާއި އެކު އެމްޑީޕީން ރައީސް ކަމަށް ކުރިމަތި ލެއްވުމަށެވެ. ނަމަވެސް މާލެ އާއި ހުޅުމާލެ އަދި އަތޮޅުތެރޭގައި ފިކުރެއްގެ ދިރުމާއ ގުޅުމަށް ހުޅުވާލި ފުރުސަތަށް އެމްޑީޕީގެ ގިނަ މެމްބަރުންގެ ތާއިދެއް ނުލިބުނެވެ.

ނަޝީދުގެ ފިކުރެއްގެ ދިރުމަށް އެމްޑީޕީގެ އާއްމު މެމްބަރުންގެ ގިނަ ބައެއްގެ ތަރުހީބު ނުލިބުމުން އެމަނިކުފާނަށް ތާއިދު ކުރައްވާ މަޖްލިސްގެ 12 މެމްބަރުން މެދުވެރިކޮށް މަޖްލިސްގެ ތެރެއިން އިދިކޮޅު ފަރާތްތަކާއި ގުޅިގެން ނަޝީދު މަޖްލިސްގެ ރިޔާސަތުގައި އިންނަވައި ސަރުކާރަށް ފާޑު ކިޔައި ސަރުކާރާއި، ވަޒީރުންގެ އިތުބާރުގެ މައްސަލަ ވައްދަން ފެށިއެވެ.

އަދި 12 މެމްބަރުންނާއި އެކު ޖުމްހުރީ ޕާޓީ އާއި ޕީޕީއެމް އާއި އެކު ބައްދަލުވުން ބޭއްވުމަށް ފަހު މިހާރު ވަނީ 12 މެމްބަރުން އެމްޑީޕީން ވަކިވެ " ދަ ޑިމޮކްރަޓްސް" އުފެއްދުމަށް ހުށަހަޅާފައެވެ.

"ދި ޑިމޮކްރަޓްސް"ގެ ކެންޑިޑޭޓަށްވާން ހުންނެވި ނަޝީދު އަދިވެސް ހުންނެވީ އެމްޑީޕީގައެވެ. އެޕާޓީގެ ރައީސްގެ މަގާމުގައެވެ. އިސްތިއުފާ ނުދެއްވައި ހުންނަވައި އެހެން ޕާޓީއެއް އުފައްދަނީއެވެ. މަޖްލިސްގެ ރިޔާސަތުގައި ހުންނަވައި މިވަގުތު އެއްވެސް ސިޔާސީ ޕާޓީގައި ނުހިމެނޭ 12 މެމްބަރުންނަށް މަޖްލިސްގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީ މެމްބަރުންނަށް ނުދެއްވާ ވަގުތު ދެއްވައެވެ. މަޖްލިސްގެ މައިނޯރިޓީއަށް ނަޝީދު މާގިނަ ވަގުތު ދެއްވާ އިރު މިއީ މަޖްލިސްގެ މުޅި ގަވާއިދާއި ހިލާފު ކަމެކެވެ.

ޑިމޮކްރަޓިކް އުސޫލަށް ގޮންޖައްސަވައި ނަޝީދު އިސްވެ ހުންނަވައި " ދި ޑިމޮކްރަޓްސް'" ނަމުގައި ޕާޓީ އުފައްދަވާ އިރު އެމަނިކުފާންގެ ފަރާތުން މިހާރު ފެންނަނީ "ޑިކްޓޭޓަރ"ގެ ސިފަ ތަކެވެ. ޑިމޮކްރަސީގައި ބުނާ މެޖޯރިޓީއަށް އިހުތިރާމް ކުރުމުގެ ބަދަލުގައި ތިމާގެ ބާރުގަދަކަން ދެއްކެވުމެވެ. ރާއްޖޭގެ ޑިމަކްރަސީގެ ބައްޕަ ހުދުމުހުތާރު ވެރިއަކަށް ބަދަލުވެ ނިމިގެންދާ މަންޒަރެވެ.