Last Updated: July 27, 10:50
Saturday, July 27, 2024
ޚަބަރު

ސިޓީތަކުގެ އެންމެ ކުދި ވިޔަފާރިތަކަށް އެހީ ދެނީ

ގްރާންޓް ޕްރޮގްރާމް ފެށުމުގެ ރަސްމީއްޔާތުގެ ތެރެއިން / ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ރާއްޖޭގެ އޮންނަ ހަތަރު ސިޓީއެއްގައި އެންމެ ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން 100،000ރ. އާއި ހަމައަށް ގްރާންޓް އެހީތެރިކަން ފޯރުކޮށްދޭ ޕްރޮގްރާމެއް އައްޑޫގައި އިފްތިތާޙްކޮށްފިއެވެ.

މި ޕްރޮގްރާމް މިއަދު އައްޑޫގައި އިފްތިތާޙްކޮށްފައިވާއިރު، ގްރާންޓް ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ނީޒާ އިމާދުއެވެ. މި ރަސްމީއްޔާތުގައި އައްޑޫގެ މޭޔަރ އަލީ ނިޒާރު އަދި ކައުންސިލު މެންބަރުންގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ޕްރޮގްރާމުގެ މަޤްޞަދަކީ ދިވެހި ވިޔަފާރިވެރިން އިޤްތިޞާދީގޮތުން ބާރުވެރިކުރުމެވެ. މިގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް މާލީ އެހީއާއި ފަންނީ އެހީ އަދި ތަމްރީން ފޯރުކޮށްދޭނެއެވެ. ޕްރޮގްރާމުގެ ދަށުން ވިޔަފާރިތަކަށް ހާއްސަކޮށްގެން ދެ ގްރާންޓެއްގެ ދަށުން އެހީ ދޭނެއެވެ. އެއީ "ގްރާންޓްސް ފޯ ވިމެން ލެޑް ބިޒްނަސެސް" އަދި "ގްރާންޓްސް ފޯ ޓެއިލަރިން ބިޒްނަސެސް" އެވެ. މި ޕްރޮގްރާމް އަމާޒު ކުރެވިފައިވަނީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު އަދި އިޤްތިޞާދީ ހަރަކާތްތައް ގިނަ ސަރަހައްދުތައް ކަމަށްވާ 4 ސިޓީއަށެވެ. އެއީ ކުޅުދުށްފުށި ސިޓީ، މާލެ ސިޓީ، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީއެވެ.

މި ދެ ޕްރޮގްރާމުގެ ދަށުން 200 ފުރުސަތު ދޭއިރު، ކުރިމަތިލާ ކޮންމެ ފަރާތަކަށް 100،000ރ. އާއި ހަމައަށް އެހީތެރިކަން ފޯރުކޯށްދޭނެއެވެ. އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި ރަސްމީ ސިފައެއްގައި މައިކްރޯ ބިޒްނަސްއެއްގެ ގޮތުގައި ވިޔަފާރި މިހާތަނަށް ރެޖިސްޓްރީކޮށްފައި ނުވިނަމަވެސް، ރަޖިސްޓްރީ ކޮށްގެން ހިންގަން އެއްބަސްވާ ފަރާތްތަކަށް ގްރާންޓްގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ.

ޕްރޮގާމާއި ގުޅޭ ހުރިހާ މައުލޫމާތެއް ޖޮބް ސެންޓަރ ވެބްސައިޓުން ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އަދި ގްރާންޓަށް އެދުމުގެ ފުރުސަތުވެސް ޖޮބް ސެންޓަރ ވެބްސައިޓުގައި ހުރި ޕޯޓަލް މެދުވެރިކޮށް ލިބޭނެ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން ގްރާންޓުގެ އުސޫލާއި ހުށަހަޅާނެ ގޮތްވެސް ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފައެވެ.