Last Updated: July 27, 10:14
Saturday, July 27, 2024
ކުޅިވަރު

20 އަހަރަށް ފަހު ނިއު ކާސަލް ޗެމްޕިއަންސް ލީގަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލެސްޓަ ސިޓީ އާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ނިއުކާސަލް ކޮލިފައިވެއްޖެ އެވެ.

މިއީ 2003 ވަނަ އަހަރަށް ފަހު ނިއުކާސަލް ޗެމްޕިއަންސް ލީގަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.

ރޭގެ ނަތީޖާއާއެކު 37 މެޗުން ލިބުނު 70 ޕޮއިންޓާ އެކު ނިއުކާސަލް އޮތީ ތިންވަނައިގަ އެވެ. ލީގުގައި ނިއުކާސަލް އަށް ބާކީ ދެން އޮތީ އެންމެ މެޗެއް ކަމަށްވާއިރު އެޓީމު ދެން ގަދަ ހަތަރަކުން ވެއްޓުމުގެ ފުރުސަތެއް ނެތެވެ. ލީގުގެ ހަތަރުވަނައިގައި 36 މެޗުން 69 ޕޮއިންޓް ހޯދައިގެން މެންޗެސްޓާ ޔުނައިޓެޑް އޮތްއިރު ފަސްވަނައިގައި 37 މެޗުން 66 ޕޮއިންޓް ހޯދައިގެން އޮތީ ލިވަޕޫލް އެވެ. ލީގުގައި މާދަމާ ރޭ ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗު އެއްވަރުކޮށްލައިގެން ޗެމްޕިއަންސް ލީގުގެ ފަހު ޖާގަ ހޯދުމުގެ ފުރުސަތު ޔުނައިޓެޑަށް އެބައޮތެވެ.

ނިއުކާސަލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ނިއުކާސަލް އިން ވަނީ މި މެޗުގައި ތަނަވަސްކޮށްފަ އެވެ. އެގޮތުން ނިއުކާސަލްގެ ފޯވާޑް ކެލަމް ވިލްސަން އާއި މިގޭލް އަލްމިރޮން އަދި ބްރޫނޯ ގިމަރޭސް ފޮނުވާލި ހަމަލާތައް ލެސްޓާގެ ގޯލުގެ ދަނޑި އަށް އަމާޒުވިއިރު އެލެގްޒެންޑާ އިސާކް ދުރުން ފޮނުވާލި ހަމަލާ ދިފާއުކުރީ ލެސްޓާގެ ގޯލްކީޕަރު ޑެނިއަލް އިވާސަން އެވެ.

މެޗުގެ އެންމެ ފަހު ވަގުތުކޮޅުތެރޭ ލެސްޓާ މޮޅުކޮށްދޭން އެޓީމުގެ ޓިމޮތީ ކަސްޓާންޔޭ އަށް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިފާއުކުރީ ނިއުކާސަލްގެ ގޯލްކީޕަރު ނިކް ޕޯޕް އެވެ.

ލީގުގެ ފަހު މެޗުގައި އަންނަ އާދީއްތަ ދުވަހު ނިއުކާސަލް ބައްދަލުކުރާނީ ޗެލްސީއާ އެވެ.