Last Updated: June 2, 06:59
Friday, June 2, 2023
ކުޅިވަރު

ޔުވެންޓަސް އަތުން 10 ޕޮއިންޓް އުނިކޮށްފި

ޓްރާންސްފާތަކާ ގުޅޭ މާލީ ހިސާބުތައް އޮޅުވާލާފައިވާ މައްސަލާގައި ޔުވެންޓަސް އަތުން 10 ޕޮއިންޓް އުނިކޮށްފި އެވެ.

ޔުވެންޓަސް އަށް މި އަދަބު ދީފައިވަނީ އެ ކްލަބުން 2019 އާއި 2021އާ ދެމެދު ހަދާފައިވާ ބައެއް ޓްރާންސްފާތަކާ ގުޅޭ މާލީ ހިސާބުތައް އޮޅުވާލާފައިވާ މައްސަލައިގަ އެވެ. މި މައްސަލަ ފެންމަތިވުމާ އެކު ޔުވެންޓަސްގެ ރައީސް އަންދްރެއާ އަގްނެލީ ހިމެނޭ ގޮތަށް އެ ކްލަބުގެ ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެމްބަރުން ވަނީ އިސްތިއުފާ ދީފަ އެވެ.

މި މައްސަލައާ ގުޅިގެން އިޓަލީގެ ފުޓްބޯޅަ އިދާރާ އިން ފުރަތަމަ ދިން އަބަދުގައި ވަނީ އެ ކްލަބް އަތުން 15 ޕޮއިންޓް އުނިކޮށްފަ އެވެ. ނަމަވެސް އެ ނިންމުން ބާތިލުކޮށް އެ މައްސަލަ އަލުން ބެލުމަށް އިޓަލީގެ ކުޅިވަރުގެ ކަންތައްތަކާ ބެހޭ އެންމެ މަތީ ކޯޓުން މިދިޔަ މަހު ވަނީ އަމުރުކޮށްފަ އެވެ.

އެ މައްސަލަ ބެލުމަށްފަހު އިޓަލީގެ ފެޑެރަލް ކޯޓަކުން ރޭ ނިންމި ނިންމުމުގައި ވަނީ ޔުވެންޓަސް އަތުން 10 ޕޮއިންޓް އުނިކުރަން އަންގައިފަ އެވެ.

ޔުވެންޓަސް އަތުން 10 ޕޮއިންޓް އުނި ކުރުމުން އެޓީމު މިހާރު ވަނީ އިޓާލިއަން ލީގުގެ 7 ވަނަ އަށް ވެއްޓިފަ އެވެ. މި އަބަދު ދިނުމުގެ ކުރިން ޔުވެންޓަސް އޮތީ ލީގުގެ ދެވަނައިގަ އެވެ.

މި އަދަބު ޔުވެންޓަސް އަށް ދިންކަން އިއުލާން ކުރީ ލީގުގައި ރޭ އެމްޕޮލީއާ ދެކޮޅަށް ޔުވެންޓަސް އިން ކުޅެން ތައްޔާރުވަމުން ދަނިކޮށެވެ. އެ މެޗުން ޔުވެންޓަސް ވަނީ 4-1 އިން ބަލިވެފަ އެވެ.

ލީގުގައި ޔުވެންޓަސް އަށް ބާކީ ދެން އޮތީ ދެ މެޗެވެ. އެ ދެ މެޗުގައި ޔުވެންޓަސް ބައްދަލުކުރާނީ އޭސީ މިލާން އަދި އުދިނޭސީއާ އެވެ.