Last Updated: July 27, 12:08
Saturday, July 27, 2024
ޚަބަރު

އީޕީއޭގެ ރިސާޗް އުޅަނދު މި މަހު ރާއްޖެ އަށް

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޮތޯރިޓީ (އީޕީއޭ) ގެ މޮނިޓަރިން އެންޑް ރީސާޗް މަސައްކަތްތަކަށް ހާއްސަކޮށްގެން ބަނދެފައިވާ އުޅަނދު މި މަހު ރާއްޖެ ގެންނާނެ ކަމަށް އެތަނުން ބުނެފި އެވެ.

"ތިމާވެށީ" ގެ ނަން ދީފައިވާ މި އުޅަނދު ބަނުމުގެ މަސައްކަތް ނިމި އިންސްޕެކްޝަނާއި ސީޓްރައިލް މަސައްކަތް އީޕީއޭ އާއި އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒިފުން ހިމެނޭ ޓީމަކުން މިހާރު ވަނީ އިންޑިޔާގެ ގޯއާގައި ކުރިއަށް ގެންގޮސްފަ އެވެ.
ކަޓަމަރައިން ޑިޒައިނަށް ފައިބަރުން ބަނދެފައިވާ މި 100 ފޫޓްގެ މި އުޅަނދަކީ އެންވަޔަރަމަންޓް މިނިސްޓްރީން ވޯލްޑް ބޭންކުގެ ހިލޭ އެހީގައި ކުރިއަށްދާ "މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް" އިން ހަރަދުކޮށްގެން އިންޓަނޭޝަނަލް ބިޑިންގެ އުސޫލުން ބީލަން ކާމިޔާބުކުރި އިންޑިޔާގެ ކުންފުންޏެއް ކަމަށްވާ ވިޖޭ މެރައިން ޝިޕްޔާޑާ ހަވާލުކޮށްގެން ބަނދެފައިވާ އުޅަނދެކެވެ.

"ތިމާވެށި" އިން ތތިމާވެށީގެ ދާއިރާއިން ފަންނީ އަދި އިލްމީ ދިރާސާތަކުގެ ބޭނުންކުރުމުގެ މަގުސަދުގައި ތައްޔާރުކުރި މި އުޅަނދު ހަރަކާތްތެރި ވާނީ ރާއްޖޭގެ ކަނޑުތަކުގަ އެވެ.

މި އުޅަނދުގެ މެއިން ޑެކްގައި ތިން މީހުންގެ ޖާގައިގެ ދެ ކޮޓަރި ފާހާނާއާ އެކީ އަދި ކާތަނެއްގެ އިތުރުން ބަނދިގެއެއް ހިމެނެ އެވެ. އަދި އެ ޑެކްގައި މަސައްކަތަށް ހާއްސަކުރެވިފައިވާ ޖާގައިގެ އިތުރަށް ވެޓްލެބް, ޑްރައި ލެބް, އަދި ޑައިވިން ކޮމްޕްރެޝާ ރޫމެއްވެސް ހިމެނެއެވެ. މީގެ އިތުރުން މަތީ ޑެކްގައި ވީލް ހައުސްގެ އިތުރަށް މާސްޓަ އާއު އަދި އިންޖިނިއަރިން އަށް ހާއްސަ ރޫމަކާއި އިތުރު ހަތަރު މީހުންގެ ޖާގައިގެ ތިން ކޮޓަރި ހިމެނެއެވެ.

މި އުޅަނދާއެކު އިމަޖޭންސީގައި ބޭނުންކުރަން ހާއްސަ ޑިންގީއެއް ވެސް ހިމެނެ އެވެ.

"ތިމާވެށީގެ" ފަޅުވެރިންގެ ގޮތުގައި މަސައްކަތްކުރާނެ މީހުން ހޯދުމަށް ވެސް އިން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

އީޕީއޭ އިން ބުނީ އުޅަނދު އިންޑިއާގެ ކުންފުނިން ދިވެހި ސަރުކާރާ ހަވާލުކުރުމަށް ހަމަޖެހިފައި ވަނީ އިންސްޕެކްޝަން އަދި ޓްރަޔަލް ގެ މަސައްކަތްނިމި ރާއްޖެ ގެނެސް އެކަމަށް ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި ކަމަށެވެ. އެވެ. މި ވަގުތު އެ އޮތީ ވިޖޭ މެރައިން ގެ ބެލުމުގެ ދަށުގައެވެ.

"ތިމާވެށި" ރާއްޖެ ގެނައުމަށް ހަމަޖެހިފައި ވަނީ މި މަހުގެ ފަހުކޮޅު އެވެ.