Last Updated: April 25, 22:42
Friday, April 26, 2024
ދުނިޔެ

އިންޑިއާގެ 2،000 ރުޕީސްގެ ނޫޓް ހުއްޓާލަނީ

އިންޑިއާގައި ބޭނުން ކުރަމުން އަންނަ 2،000 ރުޕީސްގެ ނޫޓް ބޭނުންކުރުން ހުއްޓާލަން ނިންމައިފި އެވެ.

ދެހާސް ސޯޅަ ވަނަ އަހަރު އިގުތިސާދުގެ ތެރެއަށް ނެރެ ދައުރުކުރަމުން އަންނަ އެ ނޫޓް ބޭނުންކުރުން ހުއްޓާލަން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުން ފެށިގެންނެވެ. އެހެންވެ އިގުތިސާދުގެ ތެރޭގައި މިހާރު ދައުރުވަމުން އަންނަ އެ ނޫޓަށް ބޭންކްތަކުން ބަދަލު ދިނުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

ބޭންކްތަކުން 2،000 ރުޕީސްގެ ނޫޓް ބަދަލުކޮށް ދޭނީ ސެޕްޓެމްބަރު 30 އާ ހަމައަށެވެ. އަދި ބޭންކްތަކަށް ވަނީ އެ ނޫޓް އާންމުންނަށް ދޫނުކުރަން ވެސް އަންގައިފަ އެވެ.

އިންޑިއާގައި 2،000ރ. ގެ ނޫޓް ތައާރަފުކުރީ ކުރިން ބޭނުން ކުރަމުން އައި 500 އާއި 1،000 ރުޕީސްގެ ނޫޓް ބޭނުން ކުރުން ހުއްޓައިލުމަށް ފަހު އެވެ. ސަރުކާރުން ކަޅުބާޒާރުގެ މައްސަލަ ބޮޑުވެގެން އެކަމަށް ހައްލެއް ހޯދުމުގެ ބޭނުމުގަ އެވެ. އެކަމަކު މިހާތަނަށް އެއްވެސް ހައްލެއް އައިސްފައި ނެތް ކަމަށް ބުނެ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެ އެވެ.

އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އިން ބުނީ އަމާޒަކީ ސެޕްޓެމްބަރު 30 ގެ ފަހުން 2،000 ރުޕީސްގެ ނޫޓް އިގުތިސާދުގެ ތެރޭގައި ދައުރުވުން ހުއްޓާލުން ކަމަށެވެ.