Last Updated: July 27, 09:53
Saturday, July 27, 2024
ކުޅިވަރު

ވިނީޝަސްގެ ރަތްކާޑު ކެންސަލް، ވެލެންސިއާ އަށް އަދަބު ދީފި

މިދިޔަ އާދީއްތަ ދުވަހު ސްޕެނިޝް ލީގުގައި ވެލެންސިޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ރެއާލް މެޑްރިޑްގެ ވިނީޝަސް ޖޫނިއާ އަށް ދެއްކި ރަތްކާޑު ކެންސަލްކޮށް، ވެލެންސިއާ އަށް އަބަދު ދީފި އެވެ.

ވެލެންސިއާ އަތުން 1-0 އިން ރެއާލް ބަލިވި މެޗުގައި ވެލެންސިއާގެ ބައެއް ސަޕޯޓަރުން ވަނީ ވިނީޝަސްއާ ނަސްލީ ގޮތުން ދިމާކޮށްފަ އެވެ. އެ މެޗުގ ފަހު ވަގުތުކޮޅުތެރޭ ވެލެންސިއާގެ ކުޅުންތެރިއަކަށް ހަމަލާދިން ކަމަށް ބަލައި ރެފްރީ ވަނީ ވިނީޝަސް އަށް ރަތްކާޑު ވެސް ދައްކައިފަ އެވެ.

އެ މެޗުގައި ހިނގާދިޔަ ކަންކަން ބެލުމަށްފަހު ސްޕެނިޝް ފުޓްބޯޅަ އިދާރާ އިން ވަނީ ވިނީޝަސް އަށް ދެއްކި ރަތްކާޑު ކެންސަލް ކުރަން ނިންމައިފަ އެވެ. އަދި ވިނީޝަސްއާ ނަސްލީ ގޮތުން ދިމާކުރުމުގެ ސަބަބުން ވެލެންސިއާގެ ދަނޑުގެ އެއް ފަޅި ކުރިއަށް އޮތް ފަސް މެޗަށް ބަންދުކުރަން ވަނީ އަންގައިފަ އެވެ. އަދި ވެލެންސިއާ ވަނީ 45،000 ޔޫރޯ އިން ޖޫރިމަނާ ވެސް ކޮށްފަ އެވެ.

ވިނީޝަސް ،22، އާއި ނަސްލީގޮތުން ދިމާކުރި މައްސަލައިގައި ސްޕެއިންގެ ފުލުހުން އިއްޔެ ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އަދި އެ މައްސަލަ ރެއާލް އިން މިހާރު ވަނީ ކަމާބެހޭ ފަރާތްތަކަށް ވެސް ހުށަހަޅައިފަ އެވެ.

މި ސީޒަނުގެ ސްޕެނިޝް ލީގުގައި ކުޅުނު އެހެން މެޗުތަކުގައި ވެސް ނަސްލީގޮތުން ވިނީޝަސްއާ ދިމާކޮށްފައިވާއިރު މިފަދަ ކަންކަމާ މެދު އެކަށީގެންވާ ގޮތެއްގައި ފިޔަވަޅު ނޭޅޭތީ އެކަމުގެ ކަންބޮޑުވުން ވިނީޝަސް ވަނީ ފާޅުކޮށްފަ އެވެ.