Last Updated: April 24, 06:02
Wednesday, April 24, 2024
މުނިފޫހިފިލުވުން

ކަރަންގެ އެކްޝަން ފިލްމުގައި ވަރޫން އާއި ޓައިގާ

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރް ޑައިރެކްޓްކުރާ ފުރަތަމަ އެކްޝަން ފިލްމުގެ ބަތަލުންނަކީ ވަރޫން ދަވަނާއި ޓައިގާ ޝްރޮފް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ވާހަކަ މީޑިއާތަކުގައި ދެކެވެން ފެށީ މިއަދު ވަރަށް ހާއްސަ ކަމެއް އިއުލާންކުރާނެ ކަމަށް އިއްޔެ ސޯޝަލް މީޑިއާގައި ހާމަކުރުމާ ގުޅިގެންނެވެ. އެގޮތުން މީގެ 25 އަހަރު ކުރިން 1998 ގެ "ކުޗް ކުޗް ހޯތާ ހޭ" ޑައިރެކްޝަނަށް ނުކުތް ކަރަން އަށް ދެން އޮތީ އާ ދައުރެއްގެ ފެށުން ކަމަށާއި އެކަން މާދަމާ ހިއްސާކުރާނެ ކަމަށް ބުނެފައިވެ އެވެ.

މިހާތަނަށް ލޯބީގެ ފިލްމުތަކާއި ލޯބީގެ އާއިލީ ފިލްމުތައް ހަދައިގެން ބެލުންތެރިންގެ އިތުބާރާއި ލޯބި ހޯދި ޑައިރެކްޓަރު އަލަށް އެކްޝަން ފިލްމެއް ހަދާނެކަން އިއުލާންކުރީ 2021 ގަ އެވެ. އެކަމަކު އޭރު ފިލްމާ ބެހޭ އިތުރު ތަފުސީލެއް ނުދެ އެވެ. އޭރު ބުނެފައި ބަނީ މި އަހަރު އޭނަ ގެނެސްދޭން ތައްޔާރުވަމުން އަންނަ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެނެސް ދިނުމަށް ފަހު އެކްޝަން ފިލްމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

އަންނަ ޖުލައި މަހުގެ 28 އަށް "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ތާވަލުކޮށްފައިވާ އިރު، މި ރޮމޭންޓިކް ކޮމެޑީގެ ތަރިންނަކީ ރަންވީރު ސިންގް އާއި އާލިއާ ބަޓެވެ.

ކަރަންގެ އެކްޝަން ފިލްމު ހަދާނީ ވަރޫން އާއި ޓައިގާއާ އެކީ ކަމަށް ބުނާ ވާހަކަ ޔަގީނުން ވެސް މާދަމާ ކަށަވަރުވާނެ އެވެ. އަދި މި ފިލްމު ވާނ ކަރަން ޑައިރެކްޓްކުރާ ފިލްމެއް ޓައިގާ ކުޅޭ ފުރަތަމަ ފަހަރަށެވެ. ވަރޫން ބޮލީވުޑަށް ނެރުނީ ކަރަން ޑައިރެކްޓްކުރި 2012 ގެ "ސްޓޫޑެންޓް އޮފް ދި އިޔާ" އިންނެވެ.

ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ ކަރަންގެ އެކްޝަން ފިލްމަށް ކިޔާނެ ނަމާއި އޭގެ ތަލާއިންނަކީ ކޮބައިތޯ ބެލުމަށް ވެސް ކެތްތެރި ކަމެއް ނެތި މިހާރު އިންތިޒާރުކުރަމުންނެވެ.

ކަރަން ޑައިރެކްޓްކުރި ފިލްމުތަކަކީ "ކުޗް ކުޗް ހޯތާ ހޭ" އާއި "ސްޓޫޑެންޓް އޮފް ދި އިޔާ" ގެ އިތުރުން 2001 "ކަބީ ހުޝީ ކަބީ ޢަމް"، 2005 ގެ "ކަބީ އަލްވިދާ ނާ ކެހެނާ" އާއި 2010 ގެ "މައި ނޭމް އިޒް ޚާން" ގެ އިތުރުން 2016 ގެ "އޭ ދިލް ހެ މުޝްކިލް" އެވެ.