ސޯޅަ އަހަރު ފަހުން ޑައިރެކްޓަރު ސިދާތު އާނަންދުގެ ފިލްމެއްގައި އެކްޓަރު ސައިފް އަލީ ޚާން މަސައްކަތްކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މި އަހަރު "ޕަތާން" ގެނެސްދިން ޑައިރެކްޓަރު، ސައިފާ އެކީ ހަދަން ނިންމާފައި ވަނީ ވަރުގަދަ އެކްޝަން ފިލްމެއް ކަމަށާއި އެ ހަދަން ނިންމާފައި ވަނީ ނެޓްފްލިކްސްއާ ގުޅިގެން ކަމަށެވެ. އެކަމަކު މިކަމާ ބެހޭ ގޮތުން ސިދާތާއި ސައިފް ވެސް އަދި ރަސްމީކޮށް ވަކި އެއްޗެއް ނުބުނެ އެވެ.
އެ ދެ މީހުން އެންމެ ފަހުން އެކީގައި މަސައްކަތްކުރީ 2007 ގެ "ތަރަ ރަމް ޕަމް" ގަ އެވެ. ސިދާތާ އެކީ ސައިފް މަސައްކަތްކުރި ފުރަތަމަ ފިލްމަކީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި 2005 ގެ "ސަލާމް ނަމަސްތޭ" އެވެ.
"ޕަތާން" އަށް ފަހު ސިދާތު މިހާރު އަންނަނީ އަންނަ އަހަރުގެ ޖެނުއަރީގައި ރިލީޒްކުރާ "ފައިޓާ" ގެ މަސައްކަތް ކުރަމުންނެވެ. މީގެ ތަރިންނަކީ ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯނެވެ. ރިޕޯޓްތައް ބުނާ ގޮތުން ޝާހްރުކާއި ސަލްމާން ޚާންގެ ކުރިމަތިލުންތަކެއް ދައްކުވައިދޭ ގޮތަށް ހަދަން ނިންމާފައިވާ "ޓައިގާ ވާސަސް ޕަތާން" ގެ ޑައިރެކްޓަރަކީ ވެސް ސިދާތެވެ.
މިދިޔަ އަހަރު "ވިކްރަމް ވޭދާ" އިން ފެނިގެން ދިޔަ ސައިފްގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހު ރިލީޒްކުރާ "އާދިޕުރުޝް" އެވެ.