އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ކެފޭ/ރެސްޓޯރަންޓެއް ހިންގައި ދޭނެ ބަޔަކު ހޯދަން އަލުން ބީލަމަށް ހުޅުވާލައިފި އެވެ.
އެ ހޮސްޕިޓަލުން ބުނީ އެކަމަށް އަލުން ހުޅުވައިލީ މިދިޔަ މަހުގެ ތެރޭގައި ހުޅުވާލި ފުރުސަތުގައި އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ ކަމަށެވެ. އެހެންވެ އަލުން ހުޅުވާލައި، ބީލަން ހުށަހަޅަން ޝައުގުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ 7 އާ ހަމައަށް މިހާރު އޮތީ ފުރުސަތު ހުޅުވާލައިފަ އެވެ.
ބިލަމުގައި ބައިވެރިވާން ރަޖިސްޓްރީވާން ޖެހެ އެވެ. ރަޖިސްޓްރީވުމުގެ ފުރުސަތު އޮންނާނީ މިއަދުން ފެށިގެން މި މަހުގެ 31 އާ ހަމައަށެވެ. އޭއީއެޗްގައި ކެފޭ/ރެސްޓޯރަންޓެއް ހިންގައިދޭން ޝައުގުވެރިވާ ފަރާތްތަކަށް މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދޭން ބާއްވާ ސެޝަނެއް އަންނަ މަހުގެ 1 ގެ ހެނދުނު 11:00 ގައި އޮންނާނެ އެވެ.
އެ ހޮސްޕިޓަލުން ބުނީ އެ ސެޝަންގައި ބައިވެރި ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.
އޭއީއެޗްގައި ކެފޭއެއް ހިންގާނެ ބަޔަކު ހޯދަން މަސައްކަތްކުރާ އިރު، މީގެ ކުރިން އެތަނުފައި "ފިޓް އެރޯ" ގެ އައުޓްލެޓެއް ހިންގި އެވެ. އެކަމަކު މާ ގިނަ ދުވަސްތަކެއް ނުވެ އެތަން ވަނީ ބަންދުކޮށްފަ އެވެ.
އަތޮޅުގެ އެންމެ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލް ކަމަށްވާ އޭއީއެޗަކީ 2020 އިން ފެށިގެން ހިދުމަތް ދެމުން އަންނަ ތަނެކެވެ.