Last Updated: April 20, 10:54
Saturday, April 20, 2024
ޚަބަރު

ޖޯއި އައިލޭންގެ އޯޕަން ޑޭ މާދަމާ އައްޑޫގައި

މި އަހަރުގެ ސެޕްޓެމްބަރު މަހު ހުޅުވަން ތައްޔާރުވަމުން އަންނަ ޖޯ އައިލޭންޑް ރިސޯޓަށް ބޭނުންވާ މުވައްޒަފުން ނަގަން އައްޑޫގައި އޯޕަން ޑޭއެއް ބާއްވަން ނިންމައިފި އެވެ.

މި ހަރަކާތް އޮންނާނީ ގައުމީ ޔުނިވަސިޓީގެ ހިތަދޫ ކެމްޕަހުގައި މާދަމާ މެންދުރު ފަހު 3:00 އިން ރޭގަނޑު 10:00 އަށެވެ.

ޖޯއި އައިލޭންޑްގެ އޯޕަން ޑޭގައި އެ ރިސޯޓުން ލިބެން ހުރި ވަޒީފާތަކާ ބެހޭ މައުލޫމާތު ދީ، ވަޒީފާތަކަށް ޝައުގުވެރިވާ މީހުންނާ އިންޓަވިއުކޮށް، ވަޒީފާތަކަށް ވަގުތުން އެޕްލައިކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. ރިސޯޓަށް މުވައްޒަފުން ހޯދާ ދާއިރާތަކުގެ ތެރޭގައި ފްރޮންޓް އޮފީސް، ހައުސްކީޕިން، ކަލިނަރީ، ކޯޕަރޭޓް، އިންޖިނިއަރިން، އެޑްމިން، އެފްއެންޑްބީ، ސްޕާ، ފައިނޭންސް، ސްޕާ އަދި ޓެލެންޓް އެންޑް ކަލްޗާ ހިމެނެ އެވެ.

އައްޑޫގެ އިތުރުން ފުވައްމުކަލާއި ގދ. ތިނަދު އާއި ލ. ގަމާއި ހދ. ކުޅުދުއްފުއްޓާއި ހއ. ދިއްދޫގެ އިތުރުން މާލޭގައި ވެސް އޯޕަން ޑޭތަކެއް ކުރިއަށް ގެންދަން ނިންމައިފަ އެވެ. ސެޕްޓެމްބަރު 1 ގައި ހުޅުވަން ހަމަޖެހިފައިވާ ރިސޯޓްގެ އޯޕަންޑޭ ކުރިއަށް ގެންދަން ނިންމާފައި ވަނީ މާދަމާ އިން ފެށިގެން އަންނަ މަހުގެ 12 އާ ހަމައަށެވެ.

ޖޯއި އައިލޭންޑަކީ ކުކޫން ކަލެކްޝަންގެ ރިސޯޓެކެވެ. މި ރިސޯޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ލޯންޗްގައި 40 މިނިޓުން ދެވޭ ހިސާބުގައި ތަރައްގީކޮށްފައިވާ ރިސޯޓެކެވެ. އެންމެ ޒަމާނީ ވަސީލަތްތަކާއި ހިދުމަތްތައް ލިބޭނެ ފަސްތަރީގެ މި ރިސޯޓްގައި 151 ކޮޓަރި ހުންނާނެ އެވެ.