Last Updated: March 28, 21:55
Thursday, March 28, 2024
ދުނިޔެ

ފްލޮރިޑާގެ ގަވަރުނަރު ރިޔާސީ ރޭހަށް

އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގެ ގަވަރުނަރު ރޮން ޑިސެންޓިސް އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ވާދަކުރައްވަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ އެކަން މިއަދު ރަސްމީކޮށް އިއުލާން ކުރައްވާނީ ޓްވިޓާގެ ވެރިޔާ އީލޮން މަސްކްއާ އެކީ ޓްވިޓާ ސްޕޭސެސްގެ އިވެންޓެއްގައި ކަމަށެވެ.

ޑިސެންޓިސް ރިޔާސީ އިންތިހާބަށް ނުކުންނަވާ އިރު، މިކަން ވާނީ ރިޕަބްލިކަން ޕާޓީން ރިޔާސީ އިންތިހާބަށް ވާދަކުރައްވަން ނިންމަވާފައިވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ކުރިމަތިވެވަޑައުގަންނަވާ އިތުރު ވާދަވެރި ކަމަކަށެވެ. ޓްރަމްޕް ވެރިކަން ކުރެއްވީ 2016-2020 އަށެވެ. އޭގެ ފަހުން ދެވަނަ ދައުރަކަށް ވާދަކުރައްވައި، ކުރިމަތިލައްވަން ޖެހިވަޑައިގަތީ ނާކާމިޔާބީ އެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ރިޕަބްލިކަން ޕާޓީން އެހެން ބޭފުޅުންތަކެއް ވެސް ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި ސައުތު ކެރޮލައިނާގެ ކުރީގެ ގަވަރުނަރު ނިކީ ހޭލީ އާއި ވިޔަފާރިވެރިއެއް ކަމަށްވާ ވިވެކް ރަމަސްވާމީ އެވެ. މި ދެ ބޭފުޅުންނަކީ އިންޑިއާ ދަރިކޮޅު އެމެރިކޭ ބޭފުޅުންނެވެ.

އެމެރިކާގެ އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް މިހާރުގެ ރައީސް އަދި ޑިމޮކްރެޓިކް ޕާޓީ އަށް ނިސްބަތްވާ ޖޯ ބައިޑެން ވެސް ވާދަކުރައްވާނެ އެވެ.