Last Updated: June 2, 06:59
Friday, June 2, 2023
ދުނިޔެ

ޓޭޒާ ގަން އިން ހަމަލާ ދިނުމުން މީހަކު މަރުވެއްޖެ

ޓޭޒާ ގަންއަކުން ހަމަލާ ދިނުމުގެ ސަބަބުން ވެއްޓި ބޮލަށް ލިބުނު އަނިޔާތަކާ ގުޅިގެން އޮސްޓްރޭލިއާގެ ދުވަސްވީ އަންހެނަކު މަރުވެއްޖެ އެވެ.

އެ ގައުމުގެ ނިއު ސައުތު ވޭލްސްގައި ދުވަސްވީ މީހުން ބަލަހައްޓާ ތަނެއްގައި ކްލެއާ ނޯލަންޑް ކިޔާ 95 އަހަރުގެ މީހާ އަށް ފުލުހަކު ޓޭޒާ ގަންއަކުން ހަމަލާދިނީ މިދިޔަ ހަފުތާގެ ބުދަ ދުވަހު ފަތިހުގެ ވަގުތެއްގައި އޭނާ އެ ތަނުގައި ވަޅިއަކާ އެކު ހަރަކާތްތެރިވާތީ އެކަމާ ގުޅިގެން އުފެދުނު ބިރުވެރިކަމާ ގުޅިގެން ފުލުހުންނަށް ރިޕޯޓް ކުރުމުންނެވެ.

އެގޮތުން އަންހެން މީހާ ހުރި ތަނަށް ގޮސް ޓޭޒާ ގަން އިން ހަމަލާ ދިނުމުން، އޭނަ ބިންމައްޗަށް ވެއްޓި ބޯ ފަޅައިގެން ބޮލަށް ސީރިއަސް ގެއްލުންތަކެއް ލިބުނެވެ. އެ ހާދިސާއާ ގުޅިގެން ފަރުވާ ދެމުން ދަނިކޮށް ކްލެއާ މަރުވީ މިއަދު އެވެ. އެކަން ނިއު ސައުތު ވޭލްސް (އެންއެސްޑަބްލިއުސް) އިން ކަށަވަރުކޮށް ދީފައިވެ އެވެ.

ޓޭޒާ ގަން އަކީ ހަށިގަނޑަށް އިލެކްޓްރިކް ޝޮކެއް ފޮނުވާ އަދި ކުށުގެ ވެށީގައި ފުލުހުން އާންމުކޮށް ބޭނުންކުރާ ހަތިޔާރެކެވެ.

އޮސްޓްރޭލިއާގައި ޓޭޒާ ގަން އިން ދިން ހަމަލާއެއްގައި މީހެއްގެ ފުރާނަ ގެއްލިގެން ދިޔަ އިރު، އެ ހާދިސާއާ ގުޅިގެން ހަމަލާދިން ފުލުސް މީހާ އަށް މިހާރު ވަނީ ދައުވާކޮށްފަ އެވެ. އޭނަގެ ފުރިހަމަ ވަނަވަރު ހާމަނުކުރި ނަމަވެސް އެއީ 33 އަހަރުގެ އޮފިސަރެއް ކަމަށް މީޑިއާތަކުން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން އޮސްޓްރޭލިއާގެ ފުލުހުންނަށް ބޮޑެތި ފާޑުކިޔުންތަައް އަމާޒުވެފައިވެ އެވެ.