Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

މައުމޫންގެ 30 އަހަރު މާ ރަނގަޅު ކަމަށް ރައްޔިތުން ގަބޫލުކުރޭ

ނާދިރާ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ 30 އަހަރުގެ ވެރިކަމުގައި ރާއްޖެ ކުރިއަށް ގެންދިޔަ ގޮތް މާ ރަނގަޅު ކަމަށް މިއަދު ރައްޔިތުން ގަބޫލުކުރާ ކަމަށް އެމްއާރްއެމްގެ ނައިބު ރައީސް އައިމިނަތު ނާދިރާ ވިދާޅުވެއްޖެ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަ ނުވުމުގެ ސަބަބުން އެމްއާރްއެމް އުވާލަން މިއަދު އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފި އެވެ.

މިއަދު ހަވީރު އެމްއާރްއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާދިރާ ވިދާޅުވީ ޕާޓީ އުވާލިޔަސް ކުރަމުންދާ މަސައްކަތަށް ކުޑަވެސް ބަދަލެއް ނާންނާނެ ކަމަށާއި މި ގައުމުގައި މައްސަލަތައް ހައްލު ނުވާ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަން ފަދަ މިނިވަން މުއައްސަސާތައް ޒިންމާދާރު ކަމާއެކު މަސައްކަތް ނުކުރާކަން އެންމެންނަށް ވެސް އެނގޭ ކަމަށާއި ވައްކަން ކުރާ މީހާ އަށް ނަސޭހަތް ދިނުމުގެ ބަދަލުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭނެ ކަމަށް ނާދިރާ ވިދާޅުވި އެވެ.

ރާއްޖޭގައި ގާނޫނު ތަންފީޒު ވާންޖެހޭ ކަމަށާއި މޮޅު މީހާ އަށް މޮޅު ގޮތް އަދި ދެރަ މީހާ އަށް ދެރަ ގޮތް އޮތުމުގެ ބަދަލުގައި އެންމެން ވެސް ހަމަހަމަ ވާންޖެހޭ ކަމަށް ނާދިރާ ވިދާޅުވި އެވެ.

"2018 ގައި ވެރިކަން ބަދަލުކުރީ ކަންކަން ރަނގަޅުކުރުމަށްޓަކާ، އިސްލާހުކުރުމަށްޓަކާ. މިއަދު ރައްޔިތުން އެބަ ސުވާލު އުފައްދާ ރަނގަޅުވެއްޖެ ހެއްޔޭ؟ ގިނަ ރައްޔިތުން ބުނަނީ ރަނގަޅެއް ނުވެއޭ ކަންކަން." ނާދިރާ ވިދާޅުވި އެވެ.

ނާދިރާ ވިދާޅުވީ އެމްއާރްއެމް އުވާލީ ސިޔާސީ މަގުސަދެއްގައި ކަމަށާއި އެމްއާރްއެމް އުވާލައިގެން ހާސިލުކުރަން އުޅޭ ސިޔާސީ މަގުސަދު ހާސިލުކުރެވޭނެ ކަމަށް ހީކުރުމަކީ ގޯހެއް ކަމަށެވެ.

"މިއަދު ގިނަ ބަޔަކު ގަބޫލުކުރޭ އެއްކަލަ ރައީސް މައުމޫންގެ 30 އަހަރު މި ގައުމު ގެންދިޔަ ގޮތް މާ ރަނގަޅު ކަމަށް. މިއަދު ވަރަށް ގިނަ ބައެއްގެ ދުލުން ދައްކާ ވާހަކަ މިއީ. އެކަން ހުއްޓުވޭނީ ވެސް މިކަހަލަ ކަންކަން ކޮށްގެން ކަމަށް ހީވާނަމަ އަޅުގަނޑު ދަންނަވާނީ އެކަމެއް ނުހުއްޓޭނެއޭ. އިސްލާހު ކުރަން ނިކުމެ މިތިބީ. އިސްލާހު ކުރާނަން، އިސްލާހުކޮށްފައި ނޫނީ ގެއަކަށް ވެސް ނުވަންނާނަން." އޭނާ ވިދާޅުވި އެވެ.

އެމްއާރްއެމުން ވަނީ ޕާޓީ އުވާލި މައްސަލައިގައި އިލެކްޝަންސް ކޮމިޝަނާއި ވާހަކަ ދައްކައިގެން ހައްލެއް ނުލިބިއްޖެ ނަމަ ކޯޓަށް ވެސް ދާން ތައްޔާރަށް އޮތް ކަމަށް ބުނެފަ އެވެ.