Last Updated: April 20, 17:12
Saturday, April 20, 2024
ޚަބަރު

ސާފް ވިލެޖާ އެކީ އައްޑޫ ބްރިޖްތަކުން ގުޅާލެވޭނެ

މަންތާ ސާފް ވިލެޖް / ކޮންސެޕްޓް ފޮޓޯ

ވޯލްޑް ސްޕޯޓްސް ސިޓީ ޕްރޮޖެކްޓުގެ ތެރެއިން އެންމެ ބޮޑު އެއް އަމާޒަކީ އައްޑޫސީޓީ އެއްކޮށް ބްރިޖްތަކުން ގުޅުވާލައި ކަނެކްޓްވިޓީ ރަނގަޅު ކުރުން ކަމަށް ކަމަށް ވޯލްޑް ސްޕޯޓްސް ސިޓީ ޕްރޮޖެކްޓުގެ ޗީފް އާކިޓެކްޓް ޖޯ ޕާމާ ވިދާޅުވެއްޖެއެވެ.

ވޯލްޑް ސްޕޯޓްސް ސިޓީ މަޝްރޫޢުއާއި ގުޅިގެން އައްޑޫއަށް ކުރި ޒިޔާރާތުގައި ވޯލްޑް ސްޕޯޓްސް ސިޓީ – މަންތާ ސާފް ވިލެޖުގެ ޓީމުން ވަނީ އައްޑޫލައިވްއަށް ހާއްސަ ބަސްތީގަތުމެއް ދީފައެވެ. މިޓީމުގެ ޕްރޮޖެކްޓުގެ ދެ ކޯ ފައުންޑަރުން ކަމަށްވާ ޖޯ ޕާލްމާ އަދި ޖޯ ފެނާންޑޭޒް ބައިވެރިވެ އަދި ޓީމުގެ މެންބަރުން ވަނީ ބައިވެރިވެ ވަޑައިގެންގަފައެވެ. މި ޓީމުން އައްޑޫއަށް އައުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މަޝްރޫޢު ކުރިއަށް ގެންދިއުމަށް އައްޑޫ ސިޓީ ކައުންސިލާއި އަދި ކަމާއި ގުޅޭ އެހެން ފަރާތްތަކާއި ބައްދަލުކޮށް މަޝްވަރާ ކުރުމެވެ.

މިމަޝްރޫޢުއަށް އައްޑޫ ހިޔާރު ކުރި ސަބަބާއި ގުޅޭގޮތުން ޕްރޮޖެކްޓުގެ ޗީފް އާކިޓެކްޓް ޖޯ ޕާމާ ވަނީ އިތުރު ތަފްސީލު ދެއްވާފައެވެ. އެގޮތުން އައްޑޫއަކީ ކުރިމަގުގައި ސާފް ކުރުމާއި މޫދު ކުޅިވަރަށް ވަރަށް މުހިންމު މަންޒިލަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އައްޑޫ ޙިޔާރުކޮށްފައިވަނީ އައްޑޫގައި މިކަން ކުރެވިދާނެ ކަމަށް އެމީހުން އިވެލުއޭޝަން ތަކުން ފެންނާތީ ކަމަށް ވިދާޅުވިއެވެ.

މަންތާ ސާފް ވިލެޖުގެ ޗީފް އާކިޓެކްޓް ޖޯ ޕާމާ / ފޮޓޯ: އައްޑޫސިޓީ ކައުންސިލް

" ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި އަދި ރާއްޖެ އޮތް ހިސާބަކީ އެއް ސަބަބު. އޭގެ އިތުރުންވެސް ސިޔާސީ ހަމަޖެހުމާއި، އިޖްތިމާޢީ ހަމަޖެހުމަށް ބަލާއިރުވެސް ރާއްޖޭއަކީ މިފަދަ ބިޔަ މަޝްރޫޢެއް ކުރިއަށް ގެންދަން އެންމެ ރަނގަޅު އެއް މަންޒިލް" ޖޯ ޕާމާ ވިދާޅުވިއެވެ.

މީގެ އިތުރުން އައްޑޫއަކީ އަދި މިހާތަނަށް ބޭނުން ނުހިފި އޮތް މަންޒިލެއް ކަަމަށާއި، ރާއްޖޭގެ ޓުއަރިޒަމްގެ މައި ސަރަހައްދަކަށް އައްޑޫ ވެގެން ދާތަން ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ޢުމްރާނީ ތަރައްޤީ ގެނުވާނެ ބިޔަ ޕްރޮޖެކްޓެއް

މިވަރުގެ ބިޔަ ޕްރޮޖެކްޓެއް އައްޑޫގައި ހިނގަން ފެށުމުގެ ކުރިން ދެން އޮތް ސުވާލަކީ، މިއީ އައްޑޫގައި ކުރަން ފީސިބަލް ކަމެއް ހެއްޔެވެ. ޕްރޮޖެކްޓުގެ ކޯ ފައުންޑަރ ޖޯ ފެނާންޑޭޒް ވިދާޅުވާ ގޮތުގައި، މިވަރުގެ ޕްރޮޖެކްޓެއް ނުހިންގެންވީ ވަރުގެ ސަބަބެއް ނެތެވެ. އެންމެ ބޮޑު އެއް ސަބަބަކީ ސާފު ވިލެޖެއް ޤާއިމް ކުރާއިރު އަހަރުގެ ކޮންމެ ދުވަހަކު ރާޅާ އެޅޭނެ ތަންތަން ދުނިޔޭގައި މަދުވުމެވެ. ރާޅާ އެޅުމުގައި ދުނިޔޭގައި މަދުވެގެން 35 މިލިއަން މީހުން އުޅޭ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

" ރާޅާ އަޅާ މީހުންގެ ތެރޭގައި ގާތްގަނޑަކަށް އެބައުޅޭ 4 މިލިއަން މީހުން ދަތުރުކޮށްފައި އާދެވޭނެ. މީގެ ތެރޭގައި 400،000 މީހުން އެބަ އުޅޭ މިތަނުން ތަނެއް ގަނެ ވިޔަފާރި ހިންގޭ ފެންވަރުގައި. މި އަދަދުތަކަށް ބަލާނަމަ މިއީ ވަރުގެ ބިޔަ ޕްރޮޖެކްޓެއް ނުހިންގެން ވީ ސަބަބެއް ނެތް " ޖޯ ފެނާންޑޭޒް ވިދާޅުވިއެވެ.

މަންތާ ސާފް ވިލެޖުގެ ކޯ ފައުންޑަރ ޖޮއާއޯ ފެނާންޑޭޒް / ފޮޓޯ؛ ސިޓީ ކައުންސިލް

މީގެ އިތުރުން އެމީހުން ޓީމުގައި މިހާރުވެސް ދުނިޔޭގެ ރެކޯޑު ހަދާފައިވާ މީހުންނާއި އެކި ފަންނުތަކުގެ މީހުން ތިބި ކަމާށައި މިއީ ކުރެވިދާނެ މަސައްކަތެއް ގޮތުގައި އޭނާ ދެކެވެ.

ޖޯ ޕާމާ ވިދާޅުވި ގޮތުގައި، ޕްރޮޖެކްޓުގެ ހިނގާނެ ކަމުގެ އެންމެ ބޮޑު ޔަޤީން ކަމެއް ލިބެނީ މާކެޓް ދިރާސާތަކުން ކަމަށެވެ. އެގޮތުން 2040 އަށް ނެޓް ޒީރޯ ކުރުމަށް ހިފާފައިވާ އަމާޒަށް ޕްރޮޖެކްޓު ފެތޭއިރު، ޕްރޮޖެކްޓުގެ ތެރެއިން ތިމާވެއްޓާއި އަދި ވެލްނެސްއަށް ވަރަށް ބޮޑު އިސްކަމެއް ދެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި ޕްރޮޖެކްޓު ވަަރަށް ކުރީކޮޅުންވެސް ޕްރޮޖެކްޓުގެ ރެޒިޑެންޝަލް ކޮމްޕޯނެންޓަށް އިންވެސްޓުކޮށް ގަންނަ ފަރާތްތަކާއި އެކު ޕްރޮޖެކްޓުގެ ދެމެހެއްޓެނިވި ކަމަށް ޔަޤީން ކަމެއް ލިބޭ ކަމަށް ވިދާޅުވިއެވެ.

އައްޑޫގެ ތަރައްޤީއަށް ފުލް ޕެކޭޖެއް

މިފަދަ ބިޔަ ޕްރޮޖެކްޓެއް ހިނގާއިރު، މިއީ ހަމައެކަނި މޫދު ކުޅިވަރަށް ހަދާ ސާފިން ޕޮއިންޓެއް ނޫނެވެ. މިއީ މީހުންނަށް ބޭރުން އައިސް ދިރިއުޅެވޭ ގޮތަށް ހަދާ ތަނެކެވެ. މިތަނުގައި ރަނގަޅު ފެންވަރުގައި ދިރިއުޅުން ބިނާ ކުރުމަށް ޢުމްރާނީ ގިނަ ކަންކަން ޕްރޮޖެކްޓުގެ ތެރޭގައި ހިމެނެއެވެ. ޕްރޮޖެކްޓުގެ ޗީފް އާކިޓެކްޓް ޖޯ ޕާމާ ވަނީ ޕްރޮޖެކްޓާއި އެއްކޮށް އަންނާނެ ބައެއް ކަންކަން ކުރައްސަވާ ދެއްވާފައެވެ.

މިގޮތުން ޕްރޮޖެކްޓުގެ އެންމެ މުހިންމު އެއް ބަޔަކީ، އައްޑޫގެ ކަނެކްޓިވިޓީއެވެ. އެއީ އައްޑޫގެ އެތެރޭގެ ގުޅުމާއި ބޭރުގެ ގުޅުން ރަނގަޅު ކުރުމެވެ. މީގެ މާނައަކީ ބޭރުން ސީދާ ފަތުރުވެރިން އައްޑޫއަށް އައުމަށް މަގުފަހި ކުރުމާއި، ދިރިއުޅޭ ފަރާތްތަކަށް ފުދޭނެ ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ޤާއިމް ކުރުމެވެ. މީގެ ތެރޭގައި ބްރިޖްތަކުން އައްޑޫގެ ނުގުޅި ހުރި ސަރަހައްދުތައް ގުޅުވާލުމާއި ސިޓީއެއްގައި މިހާރު މަދު ވަސީލަތްތައް ތަރައްޤީ ކުރުމަކީ ޕްރޮޖެކްޓުގެ ބައެއް ގޮތުގައި އޭނާ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން އާޓިފިޝަލް ރާޅު އުފައްދާ ނިޒާމަކާއި، ދުނިޔޭގެ ފުރަތަމަ ޑީޕް ސީ މެރިނާއާއި އަދިވެސް މިފަދަ ތަނެއްގައި މީހުން ދިރިއުޅުމަށް ބޭނުންވާ ޢުމްރާނީ ގިނަ ވަސީލަތްތައް ތަރައްޤީ ކުރާނެއެވެ.

މިއީ އަދި ފުރަތަމަ މަރުހަލާ

މިހާ ހިސާބައް އެންމެންގެވެސް ސުވާލަކީ ކޮން އިރަކުން ކިހިނެއް އަންނަ ޕްރޮޖެކްޓެއް ތޯއެވެ. މިމަޝްރޫޢު އަދި އޮތީ މަޝްވަރާ ކުރުމުގެ މަރުހަލާގައެވެ. ފައިނޭންސްކޮށް ހިނގުމަށް ޕްރޮޖެކްޓު ހިންގާ ޓީމުން ތައްޔާރުވުމަށް ރާއްޖޭގައި އެމީހުންގެ ކުންފުނި ރަޖިސްޓްރީ ކުރުމާއި، އަދި ޕްރޮޖެކްޓަށް ބޭނުންވާ ކަންކަން ކުރިއަށް ގެންދިއުމަށް ރާއްޖެއަށް ޓީމު ޒިޔާރަތް ކުރަމުންދާނެއެވެ. އަދި ސަރުކާރުގެ ބައެއް އިދާރާތަކާއިއެކު ފުރަތަމަ މަރުހަލާގެ ބައެއް މަޝްވަރާތައް މިހާރުވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މިވަރުގެ ޕްރޮޖެކްޓެއް ފަށަން މަސައްކަތް ކުރާއިރު، މިއީ އަދި ކަރުދާހުގައި އޮތް ހުށަހެޅުމެކެވެ. ދެން އޮތީ ހަޤީގަތަކަށް ހަދަން ކުރަން ޖެހޭ މަސައްކަތެވެ. މި މަޝްރޫޢުއާއި މެދު ސިޓީ ކައުންސިލުން ތިބީ ވަރަށް އުއްމީދު ބޮޑުކޮށެވެ. މިފަދަ މަޝްރޫޢުއަކަށް ބޭނުންވާނެ ހުރިހާ އެއްބާރުލުމެއް ދީގެން މިކަން ކުރުވަން ކައުންސިލުން އޮތީ ތައްޔާރަށެވެ. މިއީ އައްޑޫގެ ޢުމްރާނީ ތަރައްޤީއަށް ކައުންސިލުގެ ހުވަފެނެކެވެ. މިކަމަށް ބޭނުންވާ ފްރޭމްވޯކް އެގްރިމެންޓެއްގައި ކައުންސިލުން ވަނީ ސޮއިކޮށްފައެވެ.

މަންތާ ސާފް ވިލެޖުގެ އެއްބަސްވުމުގައި ސިޓީ ކައުންސިލާއި އެކު އެއްަބަސްވުމުގައި ސޮއިކުރުން

ރައްޔިތުން ތިބީ މި ހުވަފެން ބިލާހަކަށް ނުވެ ހަޤީގަތަކަށް ވާ ތޯ ބަލާށެވެ. އިއުލާން ކުރެވުނު އިރުން ފެށިގެންވެސް ބައެއް މީހުންގެ ތިބީ ވެދާނެ ކަމުގެ ޝައްކެއް މަތީގައެވެ. ނަމަވެސް ޖޯ ޕާމާ މިވަނީ އޭނާގެ ސިނކުޑީގައި ހުރި ކުރެހުން ކައުންސިލަށް ދައްކާފައެވެ. ބާކީ އޮތީ އެކުރެހުން ރައްޔިތު މީހާ ހަމަ ލޯލަށް ފެނުމެވެ.

ވޯލްޑް ސްޕޯޓްސް ސިޓީ ވެބްސައިޓް : https://www.worldsportscity.com