Last Updated: June 2, 06:59
Friday, June 2, 2023
މުނިފޫހިފިލުވުން

ނަކުލް އާއި ޑިޝާގެ އެނބުރި އައުން މާދަމާ ރޭ

ސޮނީ ޓީވީން ދައްކަމުން އައި ސިލްސިލާ "ބަޅޭ އައްޗޭ ލަގުތޭ ހޭ ސީޒަން" ދޭއް މިރޭ ނިންމާލައި، އޭގެ ތިން ވަނަ ސީޒަން މާދަމާ ރޭ ޕްރީމިއާކުރަން ނިންމައިފި އެވެ.

ޕްރޮޑިއުސަރު އެކްތާ ކަޕޫރްގެ ބާލާޖީގެ މި ސިލްސިލާގެ ތިން ވަނަ ސީޒަން ގެނެސްދޭން ނިންމާފައި ވަނީ މިދިޔަ އަހަރު ސީޒަން ދޭކުން ވަކިވި ދެ ތަރިން ކަމަށްވާ ނަކުލް މެހެތާ އާއި ޑިޝާ ޕަރްމަރާ އެކީގަ އެވެ. އެ މީހުން ސިލްސިލާ އިން ވަކިވީ ބޮޑެތި ދަރިންތަކެއްގެ މައިންބަފައިންގެ ރޯލު ކުޅެން ބޭނުން ނުވުމުންނެވެ.

އެގޮތުން "ބަޅޭ އައްޗޭ ލަގުތޭ ހޭ 2" މިރޭ ނިންމައިލި އިރު، ނަކުލް އާއި ޑިޝާ ވަކިވި ފަހުން އޭގެ ލީޑް ކުޅެމުން އައީ ނިތީ ޓޭލާ އާއި ސަންދީޕް ރާއީ އެވެ. ނަމަވެސް ތިން ވަނަ ސީޒަނުން ނަކުލް އާއި ޑިޝާ އެނބުރި އަންނަ އިރު، މި ސީޒަންގެ ވާހަކަ ނިއުޅިގެންދާ ގޮތް ބަލާލުމަކީ ބެލުންތެރިންނަށް ވަރަށް ޝައުގުވެރި ކަމަކަށް ވާނެ އެވެ. އަނެއްކޮޅުން މާދަމާ ރެއިން ފެށިގެން "ބަޅޭ އައްޗޭ ލަގުތޭ ހޭ 3" ގެނެސްދޭ އިރު، ޑިޝާ މި ވަގުތު އިނީ އަލަތު ދަރިފުޅަށް ބަލިވެ އެވެ. މިހާރު ދައްކަމުން އަންނަ ޕްރޮމޯ އިން ވެސް އޭނަ ބަނޑުބޮޑުކަން އެނގެ އެވެ.

ޑިޝާ އާއި ލަވަކިޔުންތެރިޔާ ރާހުލް ވައިދިއާ އަށް ދަރިއަކު ލިބެން އުޅޭކަން އިއުލާންކުރީ މީގެ ހަ ދުވަސް ކުރިންނެވެ. އެ ދެ މީހުން ކައިވެނިކުރީ 2021 ގަ އެވެ.

ސޮނީން އެންމެ ފުރަތަމަ "ބަޅޭ އައްޗޭ ލަގުތޭ ހޭ" ގެނެސްދިނީ 2011-2014 އަށެވެ. އޭގެ ލީޑް ކުޅުނީ ރާމް ކަޕޫރާއި ސާކްޝީ ތަންވަރެވެ.