Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

އެންމެ ސާފު ކެންޑިޑޭޓަކީ އަޅުގަނޑު: ނާޒިމް

އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް - ފޮޓޯ: އެމްއެންޕީ

ރިޔާސީ އިންތިހާބުގައި ވާދަކުރާ އެހެން ކެންޑިޑޭޓުންނާ އަޅާ ބަލާއިރު އޭނާ އަކީ ސާފު ކެންޑިޑޭޓެއް ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ރޭ "ސަންގު ޓީވީ" އިން ގެނެސްދިން ޕްރޮގްރާމެއްގައި ނާޒިމް ވިދާޅުވީ ރާއްޖެ އަށް ބަދަލެއް ގެނެވޭނެ ތައުލީމީ ގާބިލު ބޭފުޅެއްގެ ގޮތުގައި ސިފަވާން ވާނީ އޭނާ ކަމަށާއި އެގޮތުން ގިނަ ހިދުމަތްތަކެއް ރައްޔިތުންނަށް ކޮށްދެވިފައިވާ ކަމަށެވެ. މިހާތަނަށް ގައުމަށް ދިމާވި ބޮޑެތި ކަންކަމުގައި ރައްޔިތުންނަށް އެކަން ސާބިތުކޮށްދީފައިވާނެ ކަމަށާއި ގޯސްކަމެއް ކޮށްފައި މީހެކޭ އޭނާއާ ދިމާލަށް ނުބުނެވޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑަކީ ފަސްބައި ވަރަށް ސާފު މީހެއްގެ ގޮތުގައި މިއޮތީ. އަޅުގަނޑުގެ އަތުގައި ރިސޯޓެއް ނޯންނާނެ. އަޅުގަނޑު މީހެއްގެ އަތުން ހޯދި އެއްޗެއް ނޯންނާނެ. އަދި ދައުލަތުން ނެގި އެއްޗެއް ވެސް ނޯންނާނެ. އަޅުގަނޑު މިހިރީ ވަރަށް ސާފުކޮށް. ކުރިމަތިލައްވާފައި ތިބި އެހެން ކެންޑިޑޭޓުންނާ ތަފާތުކޮށް." ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އޭނާ އަކީ ގައުމު ހިދުމަތުގައި އަދި ގައުމީ ވިސްނުމުގައި ހައްލު ހޯދައިދެވޭނެކަން ސާބިތުކޮށްދީފައި ހުންނެވި މީހެއް ކަމަށެވެ. އެގޮތުން އޭނާ އަކީ ގައުމީ ވިސްނުމުގައި ދިވެހިންގެ ހައްލުތަކަށް މަސައްކަތް ކުރާނެ މީހެއް ކަމަށާއި އޭނާ އަކީ އެންމެ ފުރަތަމަ ރާއްޖެ އަދި އެންމެ ފުރަތަމަ ދިވެހިން ކަމަށް އަބަދުވެސް ގަބޫލުކުރާ މީހެއް ކަމަށްވެސް ވިދާޅުވި އެވެ.

މީގެއިތުރުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ފަރާތްތަކާ އަޅާ ބަލާއިރު ރައްޔިތުންނަށް ވަރަށް ރަނގަޅު ޗޮއިސެއް އެބައޮތް ކަމަށާއި އެ ޗޮއިސް ރައްޔިތުން އިހުތިޔާރުކޮށްފި ނަމަ ސާބިތުކަމާއެކު ރައްޔިތުން އެދޭ ކަންކަން ހާސިކުރުމުގައި ދެމި ހުންނަވާނެ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.