Last Updated: April 23, 20:38
Tuesday, April 23, 2024
މުނިފޫހިފިލުވުން

"ބްލަޑީ ޑެޑީ" ގެ ޓްރެއިލާ ބަލާލިންތަ؟

ޝާހިދު ކަޕޫރްގެ "ބްލަޑީ ޑެޑީ" އަކީ އަނެއްކާ ވެސް އޭނަގެ ވަރަށް ތަފާތު ފިލްމަކަށް ވާނެ އެވެ. ކެރިއަރުގެ އެންމެ ބޮޑު ހިޓް ކަމަށްވާ 2019 ގެ "ކަބީރް ސިންގް" ގައި ވަރަށް ރުޅިގަދަ އެހާމެ އަނިޔާވެރި، ރޯލެއް ކުޅުމަށް ފަހު، "ބްލަޑީ ޑެޑީ" އަކީ ވެސް ޝާހިދުގެ މުޅިން ތަފާތު ސައިޑެއް ފެންނާނެ އެއްޗެކެވެ.

މި ފިލްމުގެ އެންމެ ހާއްސަ ކަމަކީ ވަރަށް ވަރުގަދަ އެކްޝަންތަކެއް ފެނިގެން ދިއުމެވެ. އެހެންވެ މީގެ ކުރިން ޝާހިދު ފެނިފައި ނުވާ ޒާތުގެ ރޯލަކުން އޭނަ ފެންނާނެ އެއްޗެކެވެ. "ބްލަޑީ ޑެޑީ" ގެ ޓްރެއިލާ ވެސް މިއޮތީ ބެލުންތެރިންނަޑް ދޫކޮށްލައިފަ އެވެ. ވަރަށް ޝައުގުވެރި އެވެ. ނޭވާ ހިފަހައްޓާލަން ޖެހޭ ކަހަލަ އެތައް ކަމެއް ފިލްމުން ފެންނާނެކަން ޓްރެއިލާ އިން ސާބިތުކޮށްދެ އެވެ.

އަންނަ މަހުގެ 9 ގައި "ބްލަޑީ ޑެޑީ" ބެލުންތެރިންނަށް ދޫކޮށްލަނީ ސިނަމާތަކުގެ ބަދަލުގައި ސްޓްރީމިންއަށެވެ. އެގޮތުން ފިލްމު ޕްރީމިއާކުރާނީ ދާދި ފަހުން ލޯންޗްކުރު ޖިއޯ ސިނެމާ ޕްލެޓްފޯމުންނެވެ.

"ބްލަޑީ ޑެޑީ" އަކީ "ޓައިގާ ޒިންދާ ހޭ" އާއި "ސުލްތާން" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރި އެއްޗެކެވެ. އަދި މިއީ ފްރާންސްގެ ފިލްމެއް ކަމަށްވާ 2011 ގެ ނުއީ ބްލާންޗް (ސްލީޕްލެސް ނައިޓްސް) އަސްލަކަށް ބަލައިގެން ހަދާފައިވާ އެއްޗެކެވެ. މީގެ މައިގަނޑު ޕްލޮޓަކީ އަންޑަވޯލްޑް އިން ކިޑްނެޕްކުރާ އަންހެން ދަރިއަކު ސަލާމަތް ކުރަން ބައްޕައަކު ކުރާ މަސައްކަތެވެ.

"ބްލަޑީ ޑެޑީ" ގެ ކާސްޓްގައި ސަންޖޭ ކަޕޫރާއި ޑަޔާނާ ޕެންޓީ އާއި ރަޖީވް ކަންޑެލްވާލް (ސޫޖަލް) އާއި ރޯނިތު ރޯއިގެ އިތުރުން އަންކޫރް ބާޓިއާ ހިމެނެ އެވެ.