އައްޑޫން ދޫކުރުމަށް އިއުލާންކޮށްފައިވާ 1000 ގޯތިއަށް ކުރިމަތިލި ފަރާތްތަކުގެ ފޯމްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް އަންނަ މަހު ނިންމާލެވެނޭ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
އައްޑޫއިން 1000 ގޯތި ދޫކުރުމަށް މިއަހަރު ކުރީކޮޅު ވަނީ ހުޅުވާލާފައެވެ. މިގޯތިތަކަށް 4000 މީހުން ކުރިމަތިލިއިރު، މިވަގުތު ކުރިއަށް ދަނީ އިވެލުއޭޝަން މަސައްކަތް ކަމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ. މިމަސައްކަތް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން އައްޑޫލައިވްއިން ކުރި ސުވާލަކަށް ޖަވާބު ދެމުން، އައްޑޫސިޓީ މޭޔަރ އަލީ ނިޒާރު ވިދާޅުވީ ފޯމުތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.
"މިވަގުތު ހުޅުދޫ މީދޫގެ ފޯމުތައް އިވެލުއޭޝަން ވަރަށް ބޮޑުބައި ވަނީ ނިމިފައި. ހިތަދޫގެ އިވެލުއޭޝަން ތަންކޮޅެއް ލަސްކޮށް ދަނީ. އުއްމީދަކީ މިއަންނަ މަހުގެ ތެރޭ އިވެލުއޭޝަންތައް އިއުލާން ކުރެވޭ ވަރުވުން. " ނިޒާރު ވިދާޅުވިއެވެ.
ނަމަވެސް މިމަސައްކަތް ނިމި އިއުލާން ކުރެވޭނެ ސީދާ ތަރީހެއް ކައުންސިލުން ނުދެއްވައެވެ.
އައްޑޫސިޓީއިން ގިނަ ދުވަސްތަކަކަށްފަހު ދިރިއުޅުމަށް ބަނޑާރަ ގޯތި ދޫކުރުމަށް މިދިޔަ ފެބްރުއަރީ މަހު ވަނީ އިއުލާންކޮށްފައެވެ. އެގޮތުން ހިތަދޫއިން 500 ގޯތި ދިނުމަށް އިއުލާންކޮށްފައިވާއިރު، ފޭދޫއިން 300 ގޯތި ވަނީ އިއުލާންކޮށްފައެވެ. މީގެ އިތުރުން ހުޅުދޫއިން 100 ގޯތި އަދި މީދޫއިން 100 ގޯތި ދިނުމަށް އިއުލާންކޮށްފައިވެއެވެ.
ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު މިދިޔަ މާރިޗު މަހުގެ ކުރީކޮޅު ހަމަވެފައިވާއިރު، އައްޑޫސިޓީ ކައުންސިލުން ވަނީ ގޯއްޗަށް އެދި 4000 އަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވާ ކަމަށް ބުނެފައެވެ. އޭގެ ފަހުން އިވެލުއޭޝަން ކޮމެޓީތައް އަވަށްތަކުން އެކުލަވާލައި، އިވެލުއޭޝަން މަސައްކަތް ކައުންސިލުން ކުރަމުންދާއިރު، ލިސްޓު އިއުލާން ކުރެވޭލެއް ލަސްވުމާއި ގުޅިގެން ބައެއް ފަރާތްތަކުން ވަނީ ކަނބޮޑުވުން ފާޅުކޮށްފައެވެ.
އައްޑޫގައި ބޯހިޔާވަހިކަން ބޭނުންވާ ގިނަ ބަޔަކު ތިބިއިރު، މަސައްކަތް ކުރަމުންދަނީ ވީހާ އަވަހަކަށް ބޯހިޔާވަހިކަން ނެތް ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ.