Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ފްލައި ދުބާއީ ޖޫންގައި ވެސް އައްޑު އަށް ނުފެށޭނެ

ފްލައި ދުބާއީގެ ޝެޑިއުލް ދަތުރުތައް އަންނަ މަހު ވެސް އައްޑު އަށް ނުފެށޭނެ ކަމަށް އެ އެއާލައިންގެ ރާއްޖޭގެ އޭޖެންޓް އޭސް ޓްރެވެލްސް އިން ބުނެފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު މިއަދު "އައްޑޫ ލައިވް" އަށް ވިދާޅުވީ ޖޫން 24 ގައި ދަތުރުތައް ފަށަން ފަހުން ޕްލޭންކޮށްފައި އޮތަސް މިހާރު އެ ތާރީހުގައި ދަތުރުތައް ނުފެށޭނެ ކަމަށެވެ. އޭނަ ވިދާޅުވި ގޮތުގައި މިކަމަށް ތައްޔާރުވުމުގެ ގޮތުން އަދިވެސް އިތުރު ވަގުތު ބޭނުންވެ އެވެ.

"އަނެއްކޮޅުން ފްލައި ދުބާއީ އަށް ބޯޓްގެ ތާށިކަން ވެސް މި ވަގުތު އެބަހުރި. ދެން މި ދަތުރުތައް ފެށުމުގެ ކުރިން ބޭރުގެ ޓްރެވެލް އޭޖެންޓުން ވެސް އިތުރު ވަގުތު ބޭނުންވުމާއި އަޅުގަނޑުމެން ރިސޯޓަތަކާއި އަދި ދެކުނު ކަނެކްޓިވިޓީ އަށް ކުރަން ޖެހޭ މަސައްކަތްތަކަށް އިތުރު ވަގުތު ބޭނުންވާތީ ފްލައި ދުބާއީ އައްޑު އަށް ފެށުން މިހާރު އޮތީ އަނެއްކާ ވެސް ޑިލޭކޮށްފައި."

ފިރާގު ވިދާޅުވި ގޮތުގައި ދަތުރުތައް އެންމެ އަވަހަށް ވެސް ފެށޭނެ ކަމަށް ދެން ބެލެވެނީ އަހަރުގެ ފަހުކޮޅު އެވެ.

"ވިންޓާއާ ދިމާކޮށް ކަމަށް ބެލެވެނީ ފެށޭވަރު ވާނީ. މިކަމާ ގުޅޭ އެކި މަސައްކަތްތައް ހަމަ ހުއްޓުމެއް ނެތި ކުރިއަށް އެބަދޭ،" އައްޑު އަށް މި ވަގުތު ބާއްވާ ހަމައެކަނި ބޭރުގެ އެއާލައިން ކަމަށްވާ ސްރީ ލަންކަން އެއާލައިންސްގެ ވެސް ރާއްޖޭގެ އޭޖެންޓްކަން ކުރައްވާ ފިރާގު ވިދާޅުވި އެވެ. "މިކަމަކީ ހަގީގަތުގައި ފުދޭ ވަރަކަށް އުނދަގޫ އަދި ގޮންޖެހުންތަކެއް ހުރި ކަމެއް."

ފްލައި ދުބާއީގެ ދަތުރުތައް އެންމެ ފުރަތަމަ އައްޑު އަށް ފަށާ ގޮތަށް އޮތީ މި އަހަރުގެ ފެބްރުއަރީ 4 ގަ އެވެ. ނަމަވެސް އެކަމުގެ ތައްޔާރީތަކަށް އިތުރު ވަގުތު ބޭނުންވާތީ ޖޫން 24 އަށް ދަތުރުތައް ފެށުން ފަސްކުރަން ނިންމިކަން އިއުލާންކުރީ ޖެނުއަރީ މަހުގެ ކުރީކޮޅު އެވެ.

އޭރު ދަތުރުތައް ޕްރޮމޯޓްކުރުމުގެ ގޮތުން އަައްޑު އާއި ފުވައްމުލަކާއި ހުވަދު އަތޮޅުގައި މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ބޭއްވި އެވެ.