Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ޤާސިމަށް ރިޔާސީ ޓިކެޓް ހަވާލުކުރުން ޖޫން 9 ގައި

ޤާސިމް އިބްރާހިމް- ފޮޓޯ: ޖޭޕީ

ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަށް އެރުވުމަށް ބާއްވާ ޖަލްސާ އަންނަ މަހު 9 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

ޖޭޕީން މިއަދު ބުނެފައިވަނީ މި ޖަލްސާ ޖޫން 9 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ ކާނިވާ ސަރަހައްދުގައި ކަމަށެވެ. މި ޖަލްސާގައި ބައިވެރިވުމުގެ ދައުވަތު ޖޭޕީގެ އަދި ޤާސިމް އިބްރާހިމްގެ ސަޕޯޓަރުންނަށް ވަނީ އަރުވާފައެވެ.

ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރުމަށް ޖޭޕީން ނިންމާ ކެނޑިޑޭޓަކު ކަނޑައެޅުމަށް ކުރިމަތި ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާޅުމުން ކުރިމަތިލައްވާފައިވަނީ ޤާސިމް އެކަންޏެވެ. ޤާސިމް މިހާރުވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރާއްޖޭގެ އުތުރަށް އަދި ދެކުނަށް ކެމްޕޭން މެނޭޖަރުންވެސް ކަނޑައަޅުއްވާފައެވެ.

ރިޔާސީ އިންތިހާބަށް ޖޭޕީގެ ފަރާތުން އެކި ފަރާތްތަކާ މަޝްވަރާތައް ކުރިއަށް ގެންދިޔައިރު އެންމެ ބޮޑަށް މަޝްވަރާތައް ކުރިއަށް ގެންދަވާފައިވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ފަރާތްތަކާ އެކުއެވެ. އެހެންނަމަވެސް ރައީސް ނަޝީދަށް ތާއީދުކުރައްވާ ފަރާތްތަކުން އަމިއްލަ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނައިރު މިހާރު ކޮންމެވެސް ވަރަކަށް އެ މަޝްވަރާތައް މަޑުޖެހިފައިވާކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.