Last Updated: July 27, 14:36
Saturday, July 27, 2024
ޚަބަރު

ބޭރުގެ ފެސްޓިވަލަކަށް ފިލްމު ހުށަހަޅަން ފުރުސަތެއް

ކުޑަކުދިންނަށް ހާއްސަކޮށްގެން ތައްޔާރުކުރާ ފިލްމުތަކަށް ބާއްވާ ބޭރުގެ ފިލްމު ފެސްޓިވަލެއްގައި ބައިވެރިވާން ރާއްޖޭގައި މިފަދަ މަސައްކަތްކުރާ ފަރާތްތަކަށް ހުޅުވާލައިފި އެވެ.

ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން ބުނީ މިއީ ޖޯޑަންގައި ބާއްވާ "ސެކަންޑް އެޑިޝަން އޮފް ދަ ޗިލްޑްރެން ފިލްމު ފެސްޓިވަލް" ކަމަށެވެ. މި ފެސްޓިލަކީ އުމުރުން 6-16 އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަކޮށްގެން އުފައްދާ ފިލްމުތަކަށް ހާއްސަ ފެސްޓިވަލެކެވެ. ފެސްޓިވަލް އިންތިޒާމުކުރާ ޖޭސީއެފްއެފް އިން ބުނީ ފިލްމުތައް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މި މެއިލް މެދުވެރިކޮށް ފިލްމުތައް JCFF@film.jo ސަބްމިޓްކުރެވޭނެ އެވެ.

ފެސްޓިވަލަށް ހުށަހަޅާ ފިލްމުތަކަކީ 2021 ގެ ކުރިން ރިލީޒްކޮށްފައި ނުވާ އަދި އެއްވެސް ޓީވީ ޗެނެލަކުން ނުވަތަ އެހެން ވެސް އޮންލައިން ޕްލެޓްފޯމެއްގައި އާންމުކޮށްފައިވާ އެއްޗަކަށްވެގެން ނުވާނެ އެވެ. މީގެ އިތުރުން ފިލްމުގައި ދައްކާ އެއްވެސް ހާދިސާ އަކީ ކަނޑައަޅާފައިވާ އުމުރުފުރާއާ ނުގުޅޭ ފަދަ މަންޒަރުތައް ހިމެނޭ އެއްޗަކަށްވެގެން ނުވާނެ އެވެ.

ފެސްޓިވަލަށް ފިލްމު ހުށަހަޅާ އިރު އަރަބި ބަހުން ޑަބްކޮށްފައި ނުވަތަ ސަބް-ޓައިޓްކޮށްފައި ނުވަތަ އޭގައި ދެކެވޭ ވާހަކައިގެ ތަރުޖަމާ ހުށަހަޅަން ޖެހޭނެ އެވެ. އަދި ފިލްމު ހުށަހަޅާ ފަރާތަކީ އޭގެ ހުރިހާ ރައިޓްސްއެއް އޮންނަ މީހަކަށް ވާން ޖެހެ އެވެ.

ފެސްޓިވަލަށް ފީޗާ/ޝޯޓް އަދި އެނިމޭޓެޑް ފިލްމުތައް ވެސް ހުށަހެޅޭނެ އެވެ.

ފެސްޓިވަލަށް ހުށަހަޅާ ފިލްމުތަކަކީ ފެސްޓިވަލްގައި ވާދަކުރެވޭ ވަރުގެ ފިލްމެއްތޯ ނިންމާނީ އެކަމަށް ހާއްސަ ސިލެކްޝަން ކޮމިޓީއަކުންނެވެ.

"ސެކަންޑް އެޑިޝަން އޮފް ދަ ޗިލްޑްރެން ފިލްމު ފެސްޓިވަލް" އަށް ރާއްޖޭން ފިލްމުތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ފިލްމު ހުށަހެޅުމަށް އެންސީއޭ އަށް އެންގުމަށް އެތަނުން އެދިފައިވެ އެވެ. އަންގަން ޖެހެނީ މި info@nca.gov.mv މެއިލް މެދުވެރިކޮށެވެ.