އިންޑިއާގެ ގާނޫނު ހަދާ މަޖިލީގެ އާ އިމާރާތް އަންނަ އާދީއްތަ ދުވަހު ރަސްމީކޮށް ހުޅުވަން ނިންމައިފި އެވެ.
އެކަމަށްޓަކައި ބާއްވާ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާނީ ބޮޑުވަޒީރު ނަރެންދިރަ މޯދީ އެވެ.
ވެރިކަން ކުރާ ބީޖޭޕީން ވަނީ ގާނޫނު ހަދާ މަޖިލީހުގެ އާ އިމާރާތް ހުޅުވަން ބާއްވާ ކުލަގަދަ ރަސްމިއްޔާތަށް އިދިކޮޅު ހުރިހާ ޕާޓީތަކަށް ދައުވަތި ވެސް ދީފަ އެވެ. އެކަމަކު އިދިކޮޅު އެންމެ ބޮޑު ޕާޓީ، ކޮންގްރެސް ހިމެނޭ ގޮތަށް، 19 ޕާޓީއަކުން ވަނީ އެ ރަސްމިއްޔާތު ބޮއިކޮޓްކުރަން އިއްޔެ ނިންމައިފަ އެވެ. އެ ޕާޓީތަކުން ބުނެފައި ވަނީ ގާނޫނު ހަދާ މަޖިލީހުގައި މިހާރަކު ޑިމޮކްރަސީގެ އުސޫލުން އެއްވެސް ކަމެއް ނުހިނގާ ކަމަށާއި އެފަދަ ތަނަކަށް އާ އިމާރާތެއް ބޭނުމެއް ވެސް ނުވާ ކަމަށެވެ.
ވެރިރަށް ނިއު ދިއްލީގައި އިމާރާތްކޮށްފައިވާ ޖާގައިގެ ވަރަށް ތަނަވަސް، ގާނޫނު ހަދާ މަޖިލީހުގެ އާ އިމާރާތް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައްވަމުން އަންނަ އިރު އެތަނުގެ ބިންގާ އެޅީ 2020 ގަ އެވެ. އާ އިމާރާތް ފަރުމާކޮށްފައި ވަނީ ގްރައުންޑް ފްލޯއާ އާ އެކު ތިން ބުރިއަށެވެ. އަދި އިމާރާތް ހުންނާނީ އެމެރިކާގެ ޕެންޓަގަން ސިފަކޮށްދޭ ކަހަލަ ބައްޓަމަކަށެވެ.
ޓާޓާ ޕްރޮޖެކްޓްސްއާ ހަވާލުކޮށްގެން ހިންގި މި މަޝްރޫއަށް 9.7 ބިލިއަން ރުޕީސް (117.1 މިލިއަން ޑޮލަރު) ހޭދަކޮށްފައިވެ އެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި ގާނޫނު ހަދާ މަޖިލީހުގެ އާ އިމާރާތެއް ހަދަން ނިންމީ މެމްބަރުންގެ އަދަދު ވެސް އިތުރުވަމުންދާތީ އާއި ޕާލިމަންޓް މުވައްޒަފުންގެ އަދަދު ވެސް އިތުރުވަމުމުން ދިއުމާ މިހާރުގެ އިމާރާތަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާ ހެދި އެވެ.
އާ އިމާރާތަކީ 1،400 އެއްހާ އެމްޕީންނަށް ޖާގަ އޮންނާނެ ގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ. މިހާރު ބޭނުންކުރާ ޕާލިމަންޓް އިމާރާތަކީ 1947 ގައި އިންޑިއާ އަށް މިނިވަންކަން ލިބުމުގެ ވެސް މާ ކުރިން 1921 ހިސާބުގައި އިމާރާތްކޮށްފައިވާ ތަނެކެވެ. އަދި އެތަނަކީ މިހާރު ދުވަސްވެ، ބާވުމުގެ ސަބަބުން އެހާ ރައްކާތެރި ތަނެއް ނޫން ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.