Last Updated: July 27, 14:13
Saturday, July 27, 2024
ޚަބަރު

ބޮމުގެ ހަމަލާއާ ގުޅުވައި ރައީސްގެ ބޮލުގައި އެޅުވީ ބޮޑު ދޮގެއް

ރައީސް ސޯލިހާއި، ރައީސް ނަޝީދު - ފޮޓޯ: މުހައްމަދު ޝަރުހާން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައިސް އިބްރާޙިމް މުހައްމަދު ސޯލިހްގެ އިސްތަށިފުޅުގައި އެޅުވީ ދޮގު އިލްޒާމެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކުވަނީ ބޮމުގެ ހަމަލާގެ މައުލޫމާތު ސަރުކާރަށް އެނގޭކަމަށް ތުހުމަތުކޮށް މަޖިލީހުގައި ދެއްކި ވާހަކައާ ގުޅޭގޮތުން ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ މަޖިލީހުގައި ދެކެވުނު ވާހަކަތަކުގެ ތެރެއިން ވާދަވެރި ފަރާތްތަކުން ރައިސް އިބްރާހިމް މުހައްމަދު ސޯލިހެގ ބޮލުގައި ދޮގު ބަދުނާމު އަޅުވައި ހަދާފައިވާ ކަމަށެވެ.

އެފަރާތްތަކުން އެ ވާހަކަތައް ދައްކާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައިކަން ފާހަގަކޮށް މިއުވާން ވިދާޅުވީ ވާދަވެރި ފަރާތްތަކުން އެވާހަކަ މަޖިލީހުގެ ތަޅުމުގައި ދައްކާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެތަޅުމުގައި ދައްކާ ވާހަަކަތަކަށް ލިބިދޭ އިމްތިޔާޒްގެ ހިމާޔަތުގައި، "އިމްތިޔާޒްގެ ބޭނުން ނަހަމަގޮތުގައި ހިއްޕަވައިގެން" ކަމަށެވެ. ރައީސް ސޯލިހަށް ތުހުމަތުކޮށް ދައްކާފައިވާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫންކަމަށް މިއުވާން ވިދާޅުވިއެވެ.

"މޭ 6 އާ ގުޅުވާ ރައީސް ނަޝީދަށް ދެވުނު ހަމަލާގެ ވާހަކަ ރައީސުލްޖުމްހުރިއްޔާއަށް ކުރިއާލާ އެނގޭ ކަމަށާއި އެކަންކުރީ ސަރުކާރުން ބޭނުންވެގެންކަމަށް ދޭހަވާގޮތަކަށް ބައެއް ބޭފުޅުން ދެއްކެވި ވާހަކަތަކަކީ އެއްގޮތަކަށްވެސް އޭގެހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން، ހަމަކަނޑައެޅިގެން ބޮޑު ދޮގެއް." މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ އެ ވާހަކަތަކަކީ މޭ 6 ގެ ހަމަލާގެ ސިރިއަސްކަން ގެއްލުވާލާ، ބަޔަކަށް ގެއްލިފައިވާ ސިޔާސީ ތާއީދު އަނބުރާ ހޯދިދާނެކަމަށް ދެކިގެން ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކެއްގެ ގޮތުގައި ދެކޭކަމަށެވެ.

މީގެއިތުރުން މިއުވާން ވިދާޅުވީ އިމްތިޔާޒް ލިބިދޭ ތަނަކުން ބޭރުގައި، އެފަދަ ނުރައްކާތެރި އަދި ރައްޔިތުންގެ ހިތުގައި ރުޅިވެރިކަމާއި ބައިބައިވުން އުފެދޭނެ ދޮގު ވާހަކަ ދައްކާނަމަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅައިގެން އެ މައްސަލައެއް ބަލާނެ ކަމަށެވެ.

މަޖިލީހުގެ އިއްޔަގެ ޖަލްސާގައި މެންބަރު ހަސަން ލަތީފް ވިދާޅުވީ ދެ ފަހަރެއްގެ މަތިން ރައީސް ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދޭން އުޅުނުކަމުގެ މައުލޫމާތު ސަރުކާރަށް ލިބުނު ކަމަށާއި އެހެންނަމަވެސް އެކަމުގައި އަޅާނުލުމުގެ ނަތީޖާއަކަށްވީ ބޮމެއް ގޮއްވާލުންކަމަށެވެ. އަދި އެ ވާހަކައަށް ބާރު ދެއްވާ ރައިސް ނަޝީދު ވިދާޅުވީ މެރީބްރައުން ކައިރީގައި ބޮމެއް ބާއްވައި ގޮއްވާލައިގެން އެމަނިކުފާނު އަވަހާރަކޮށްލަން އުޅުނުކަމާއި، ޔާގޫތްގޭ ކައިރީގައި ބޮމެއް ބާއްވައި ގޮއްވާލައިގެން އަވަހާރަކޮށްލަން އުޅުނުކަމުގެ މައުލޫމާތު އަދި ކެނެރީގޭ ކައިރީގައި ބޮމެއް ބާއްވައި ގޮއްވާލައިގެން މަރާލަން އުޅޭކަމުގެ މައުލޫމާތު ސަރުކާރަށް އޮތީ ސާފުކޮށް އެނގިފައިކަން ތަހުގީގުތަކުން އެނގިފައިވާ ކަމަށެވެ.