Last Updated: April 24, 23:11
Thursday, April 25, 2024
ޚަބަރު

އެމްއާރްއެމް އުވާލުމުގައި ސަރުކާރުގެ ނުފޫޒެއް ނެތް

ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ ހުންނަވާ އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމެންޓް، އެމްއާރްއެމް އުވާލުމުގައި ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތް ކަމަށް ރައިސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ، އެމްއާރްއެމް އުވާލުމަށް ނިންމީ ކޮރަޕްޝަންގެ ނާޖައިޒު ނުފޫޒުން ކަމަށް އެޕާޓީން ބުނެފައިވާތީ އެކަމާ ގުޅޭގޮތުން ސުވާލު ކޮށްފައެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ އެކަމަށް ސަރުކާރުން އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރައްވާނީ އެ ބޭފުޅުންގެ މިނިވަންކަމުގައި ކަމަށް މިއުވާން ވިދާޅުވިއެވެ.

"ސަރުކާރުގެ އެއްވެސް ނުފޫޒެއް އެކަމުގެ ތެރެއަކު ނޯންނާނެ." މިއުވާން ވިދާޅުވިއެވެ.

އެމްއާރްއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ މެންބަރުން ހަމަކުރުމަށް ދެވުނު 3 މަސްދުވަހުގެ މުއްދަތުގައި 3000 މެންބަރުން ހަމަވެފައި ނުވާތީއެވެ.

މިކަމާ ގުޅިގެން އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވާ މި ނިންމުމަކީ، ކޮރަޕްޝަންގެ ނާޖާއިޒު ނުފޫޒު އެކުލެވިގެން، ޤާނޫނީ ތަރަހައިން ބޭރުން ނިންމަވާފައިވާ، ޒިންމާދުރުކަން ކުޑަ ނިންމުމެއް ކަމަށެވެ. މިކަމުން އަންގައިދެނީ، ޤައުމުގައި ފަސާދައާއި ކޮރަޕްޝަންގެ ވަކި ހިތްޕާލާފައިވާ މިންވަރުކަމަށާއި ހަމައެހެންމެ، ޤައުމުގައި ޤާނޫނު ހިންގުމަށް ނުކުޅެދިފައިވާ މިންވަރު ކަމަށް ފާރިސް ވިދާޅުވިއެވެ.