Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

ޗާގޮސް އަކީ މޮރިޝަސްގެ ތަނެއް ނޫން: ގާސިމް

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ރަށްތަކަކީ މޮރިޝަސްގެ ތަނެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ މައްސަލައިގައި ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން \ވަނީ ނިންމާފަ އެވެ. ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރަނީ 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެކެވެ. ދެ ގައުމުން ހިޔާލު ތަފާތުވި ބައި އިޓްލޮސް އިން ބެހި ގޮތުން ރާއްޖެއަށް މުޅި ޖުމްލަ 47،232 އަކަކިލޯމީޓަރު ލިބެ އެވެ. މޮރިޝަސް އަށް ލިބެނީ 45،331 އަކަކިލޯ މީޓަރެވެ.

ޗާގޮސް މައްސަލައިގައި ޖޭޕީގެ ކައުންސިލް ބައްދަލުވުމަށް ހުށަހެޅި ގަރާރުގެ ބަހުސްގެ ތެރެއިން ގާސިމް ވިދާޅުވީ އިނގިރޭސިން މިނިވަންކަން ދިނީ މޮރިޝަސް އަށް ކަމަށާއި ޗާގޮސްގެ ރަށްތަކަކަށް މިނިވަންކަން ދީފައި ނުވާ ކަމަށެވެ. އަދި ޗާގޮސްގައި ދިރިއުޅެމުންދިޔަ މީހުން ގެންދިޔައީ ވެސް ހަމައެކަނި މޮރިޝަސް އަށް ނޫން ކަމަށާއި ސީޝެލްސް އާއި އިނގިރޭސިވިލާތަށް ވެސް ގެންދިޔަކަން ތާރީހުން ފެންނަން އެބައޮތް ކަމަށް ގާސިމް ވިދާޅުވި އެވެ.

"ކޮންމެ ގޮތެއް ވިޔަސް އެބަ އިނގޭ ޗާގޮސް އަކީ މޮރިޝަސްގެ ތަނެއް ނޫންކަން." ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ޗާގޮސް މައްސަލައިގައި ހުރިހާ ސަރުކާރަކުން ވެސް ހިފަހައްޓަމުން އައި ސްޓޭންޑް މި ސަރުކާރުން ވެސް ފުރަތަމަ ކޮޅު ހިފެހެއްޓި ކަމަށެވެ. ނަމަވެސް އެމެރިކާ އާއި އިނގިރޭސިވިލާތުން ވެސް ޗާގޮސް އަކީ މޮރިޝަސްގެ ތަނެއް ކަމަށް ބަލައިގަންނަން ދެކޮޅު ހަދައިގެން ތިއްބައި ރާއްޖެއިން އެކަމަށް އެއްބަސްވެ ސިޓީތައް ފޮނުވަންޖެހޭ ސަބަބެއް އޮތްތޯ ސުވާލުކުރަންޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ.

ޖޭޕީގެ ކައުންސިލަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ހުށަހެޅި ގަރާރުގައި ވަނީ ޖޭޕީގެ ވެރިކަމެއްގައި އިޓްލޮސްގެ ނިންމުން އިސްތިއުނާފްކޮށް ރާއްޖެ އަށް ގެއްލުނު ކަނޑުގެ ބައި ހޯދަން މަސައްކަތް ކުރުމަށް ގޮވާލައިފަ އެވެ. މި ގަރާރު ވަނީ ކައުންސިލް ބައްދަލުވުމަށް ހާޒިރުވި މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފަ އެވެ.