Last Updated: July 27, 10:26
Saturday, July 27, 2024
ޚަބަރު

އެމްއޭސީއެލްގެ އެހީގައި 5 މުވައްޒަފަކު ހައްޖަށް

އެމްއޭސީއެލްގެ އެހީގައި ހައްޖަށް ދިއުމުގެ ފުރުސަތު ލިބުނު މުވައްޒަފުންނަށް ލިއުން ހަވާލު ކުރުމުގެ ތެރެއިން / ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލްގެ 5 މުވައްޒަފަކު ކުންފުނީގެ ޙަރަދުގައި ހައްޖަށް ފޮނުވުމަށް ލިއުން އެ މުވައްޒަފުންނާއި ހަވާލުކޮށްފިއެވެ.

ކޯވިޑާއި ގުޅިގެން ކުންފުނީގެ މަލީ ހާލަތައް އަސަރު ކުރުމުން ކުންފުނީގެ ސްޕޮންސާޝިޕްގެ ދަށުން ހައްޖަށް މީހުން ފޮނުވުން ހުއްޓާލާފައި އޮތުމަށްފަހު، އަނެއްކާވެސް މިވަނީ ހައްޖު ދަތުރު ދޭން ފަށާފައެވެ. އެގޮތުން މިދިޔަ އަހަރުން ފެށިގެން ސަރުކާރުގެ އިދާރާތަކާއި އެކު މަޝްވަރާ ކުރެވި، ރާއްޖެއިން ހައްޖަށް ދާން ލިބިފައިވާ ކޯޓާގެ ތެރެއިން އިސްލާމިކް މިނިސްޓްރީން ރިޒާވް ކޮށްފައިވާ ޖާގައިގެ ތެރެއިން 5 ޖާގަ އެމްއޭސީއެލްއިން ވަނީ މިއަހަރު ކަށަވަރުކޮށްފައެވެ.

ހުޅުލޭ އައިލޭންޑް ހޮޓަލުގައި މިމުވައްޒަފުންނާއި ލިއުން ހަވާލުކުރުމަށް ބޭއްވި ރަސްމީއްޔާތުގައި، މުވައްޒަފުންނާއި ހަވާލުކޮށްދެއްވާފައިވަނީ އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިން ޑިރެކްޓަރ މަހްޖޫބު ޝުޖާއުއެވެ. އެމްއޭސީއެލްގެ ޙައްޖު ސްޕޮންސަރޝިޕަކީ ޙައްޖުގެ އަޅުކަން އަދާކުރުމަށް، ކުންފުނީގައި ގިނަދުވަހު މަސައްކަތް ކުރަމުންދާ ހީވާގި މުވައްޒަފުންނަށް އެމީހުންގެ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ދެވޭ ސްޕޮންސަރޝިޕެއް ކަމަށް އެކުންފުނިން ބުނެއެވެ.
https://twitter.com/MACLmedia/status/1661685801477095424?s=20
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ، އިބްރާހިމް ތޯހާ ވިދާޅުވީ މުވައްޒަފުންގެ ކުރިއެރުމާއި ތަރައްޤީއަށް އަދި އެހެނިހެން ފުރުސަތުތައް ހޯދައިދިނުމަށްވެސް ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދާނެ ކަމަށެވެ. މިގޮތުން މުވައްޒަފުން ޙައްޖަށް ފޮނުވުމުގެ ސްޕޮންސަރޝިޕަކީވެސް ފާހަގަކޮށްލެއްވޭ ކާމިޔާބީއެއް ކަމަށް ވިދާޅުވިއެވެ.

މިއަހަރު ޙައްޖު ދަތުރަށް ޖާގައިގެ ފުރުޞަތު ދިނުމުގައި ކުންފުނިން ބަލާފައިވަނީ ކުންފުންޏަށް އެންމެ ގިނަ ދުވަހު ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، ކުންފުނީގެ އުސޫލުތަކާއި އެއްގޮތައް އެކަށައަޅާފައިވާ ޝަރުތުތައް ހަމަވާ މުވައްޒަފުންނަށެވެ.