Last Updated: July 27, 10:50
Saturday, July 27, 2024
ޚަބަރު

ލެކްޗަރާއިންގެ މުސާރައިގެ ކަންބޮޑުވުންތަކަށް ހައްލު ގެންނަނީ

ޔުނިވަރސިޓީގެ ލެކްޗަރާއިންގެ މުސާރައާއި ބެހޭގޮތުން ގެންނަންޖެހޭ ބަދަލުތައް، ފިނޭންސް މިނިސްޓްރީ އާއި ޕޭ ކޮމިޝަނާ އެކީގައި މަސައްކަތްކޮށް، ނިމުމަކާ ހިސާބަށް ގޮސްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އިސްލާމީ ޔުނިވަރސިޓީގައި މިރޭ އެ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ޙަފުލާ 2023ގެ ދެވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށްޓަކައި ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ކަމަށާއި އެހެން ނަމަވެސް، އަދިވެސް އިޞްލާޙް ކުރަންޖެހޭ ކަންތައްތައް އެބަހުރި ކަމަށެވެ.

"މި ޔުނިވަރސިޓީގެ ލެކޗަރަރއިންގެ މުސާރައާ ބެހޭގޮތުން ގެންނަންޖެހޭ ބަދަލުތަކެއް ހުރިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން، ފިނޭންސް މިނިސްޓްރީއާއި ޕޭ ކޮމިޝަނާ އެކީގައި މިހާރު އަޅުގަނޑުމެން މަސައްކަތްތަކެއް ކޮށް ނިމުމަކާ ހިސާބަށް ގޮސްފައިވާ ވާހަކަވެސް ތިޔަބޭފުޅުންނަށް މިރޭ އަޅުގަނޑު ދަންނަވާލަން." ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން މިރޭ ޑިގްރީ ޙާޞިލުކުރި އިމާމުން ކުރައްވަމުން ގެންދަވަނީ ވަރަށްބުރަ މަސައްކަތެއް ކަމަށާއި އެއީ އެހެން އޮފީސްތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނާ ޚިލާފަށް، ހަފްތާގެ 7 ދުވަހު، ޗުއްޓީއެއް ނެތި، އޯވަރޓައިމެއް ނެތި މަސައްކަތް ކުރައްވަމުން ގެންދަވާ މުވައްޒަފުންތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން އެ ބޭފުޅުންގެ އެ މަސައްކަތާ ގުޅޭގޮތުން މުސާރައަށާއި، ލިބެންވާ ޗުއްޓީއާ ބެހޭގޮތުން ބަދަލުތަކެއް ލަސްތަކެއްނުވެ ގެންނާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އަދި އޭގެއިތުރުން، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ދޭން ނިންމި އެލަވަންސް، އަންނަ މަހުގެ ތެރޭގައި ދޭން ފަށާނެ ކަމަށްވެސް ވިދާޅުވި އެވެ.